05 Nov 2012, 13:57
މަސްވެރިންނަށް ސަބްސިޑީ ނުދޭ މައްސަލާގައި ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގަނެ، އެ މައްސަލަ އިގްތިސާދީ ކޮމެޓީ އަށް ފޮނުވައިފި އެވެ.
މަސްވެރިންނަސް ސަބްސިޑީ ދިނުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނި 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައި ނުވާތީ، ގަރާރު ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މައްޗަން ގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. އޭނާ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރުމަށް ފަހު އެ ގަރާރު މަޖިލީހުން ބަލައިގަންނަން ފެންނަ ކަމަށް 37 މެމްބަރުން ވޯޓް ދެއްވި އެވެ. އަދި އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓް ދެއްވާފައެއް ނުވެ އެވެ.
މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްވެ، މަސްވެރިންގެ ސަބްސިޑީގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވާ އިރު، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މި މަހުގެ އެކަކުން ފެށިގެން ސަބްސިޑީ ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް އަދިވެސް މިހާތަނަށް ސަބްސިޑީ ދޫކޮށްފައެއް ނުވެ އެވެ.
މަސްވެރިންނަށް ދޫކުރަން ބަޖެޓްގައި ކަނޑައަޅާފައިވާ ސަބްސިޓީގެ 100 މިލިއަން ރުފިޔާގެ ތެރެއިން 99 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރާނެ އުސޫލުތަކެއް ކަނޑައަޅާ ސަބްސިޑީ ފައިސާ ދޫކުރުމުގެ ހުއްދަ މަޖިލީހުން ވެސް ވަނީ ދީފަ އެވެ. އެއް މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ސަބްސިޑީ ދިނުމުގެ އިދާރީ ކަންތައްތަކަށެވެ.