ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކުރަމުން ގެންދާ ހުރިހާ މަސައްކަތެއް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނަނީ ނަޝީދުގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެ ކޯޓުގެ މައްޗަށް ހައިކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރާއި ގުޅިގެން އެ ކޯޓުން ކުރަމުން ގެންދާ ހުރިހާކަމެއް ވަގުތީ ގޮތުން ހުއްޓާލީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ ފަދައިން އެ އަމުރުގެ ބާރުވެރިކަން އެ ކޯޓުގެ ހުރިހާ މަސައްކަތްތަކަށް ހިނގާނެ ކަމަށެވެ.

ހުޅުމާލޭ ކޯޓުގެ އިއުލާނުގައި ބުނެފައިވާގޮތުން އެ ކޯޓުން ކުރާ ވަރިއާއި ކައިވެންޏާއި، ހަޟާނާތާއި (ދަރިފުޅު ހޯދަން ހުށަހަޅާ މައްސަލަތައް)، އަދި އާއިލީ އެހެނިހެން މައްސަލަތަކާއި ޖިނާއީ މައްސަލަތަކާއި، ޖިނާއީ މައްސަލަތަކުގެ ތުހުމަތުގައި ފުލުހުން އެ ކޯޓަށް ގެންދާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުން ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރުވެސް އިއްޔެ ވިދާޅުވެފައި ވަނީ ނަޝީދުގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލަން ހައިކޯޓުން ނެރުނު އަމުރާ ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުންދާ ހުރިހާ މައްސަލަތަކުގެ ޝަރީއަތް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ވަނީ މިދިޔަ އަހަރު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެންގުމަަށް ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބެލުން ހުއްޓާލާފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އަހަރާއި އަދި އިއްޔެ ވެސް ވަނީ އެ މައްސަލަ ބަލައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަން އަދި ފަށާފައެއް ނުވެއެވެ.

ހުޅުމާލޭ ކޯޓަކީ ގާނޫނާއި ޚިލާފު ކޯޓެއްކަމަށް ގާނޫނީ ވަކީލުންނާއި ދައުލަތުން ވެސް އިއްތިފާގު ވެއެވެ.