05 Nov 2012, 13:53
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީގެ ގެ، ސ. ހުޅުދޫ ވާރުގެއަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ އެގެއަށާއި އެގޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ބޮޑެތި ގެއްލުންތަކެއްދީފި އެވެ.
ޝާހިދުގެ ގާތް ރަހުމަތްރެރިއެއް އަދި އެގޭގައި މިވަގު މީހުން ނޫޅޭތީ އެގެ ބަލަހައްޓަމުންދާ މުއީދު އަބުދުލްމުހުސިން މިއަދު ބުނީ އެ ގެއަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ އެގެއަށް ގެއްލުންތަކެއް ދިނުމަށް ފަހު އެގޭގައި ޕާކްކޮށްފައޮތް ކާރުގެ ލޯގަނޑުތައް ތަޅާލާފައިވާ ކަމަށެވެ.
"މުޅި ގޭ އެއްކޮށްހެން ހާވާފައި ހުރީ އަދި އެއްޗެއް ގެންދިޔަ ކަމެއް އެނގިފައެއް ނެތް. ނަމަވެސް ދޮރުތައް ހަލާކުކުރުމާއި އެކާރުގެ ލޯގަނޑުތައް އެކޮށް ތަޅައި ފުނޑުފުނޑު ކޮށްފައި ހުރީ. އަޅުގަނޑަށް ހަމަޔަގީން މިއީ ސިޔާސީ ކަމެއްކަން،" މުއީދު ބުންޏެވެ.
އެ މައްސަލާގައި ސަން އިން ޝާހިދަށް ގުޅާލުމުން ވިދާޅުވީ އެއީ އެ ބޭފުޅާއާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އެކަމުގައި އިތުރު އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.
ހުޅުދޫ ކައުންސިލް މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީގެ ގެއަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.