05 Nov 2012, 13:43
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީއަށް ގާއުކުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އަށް މީހުންގެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވާކަމަށް އެ މީހުންގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ އަށް މީހުންގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުނުހާ އަވަހަކަށް އެ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.
"ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާނަން،" ހަސީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ކުރުމުގައްޔާއި އަދި އަދަބު ކަނޑައެޅުމުގައި ވެސް އަދުލު އިންސާފުގެ ހަމައެއް ނެތް ކަމަށާއި އަދި އެ އަށް މީހުންގެ މައްޗަށް ފުލުހުންނާއި ސިފައިންނަށް ހެކިބަސް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
"ޝަރީއަތް ކުރުމުގައި ވެސް އަދަބު ކަނޑައެޅުމުގައި ވެސް އަދުލު އިންސާފުގެ މިންގަނޑެއް އޮންނަން ވާނެއޭ. އެގޮތުން ބަލާއިރުގައި އަދަބު ކަނޑައެޅުމުގައި ވެސް މީގައި ނެތޭ އަދުލު އިންސާފުގެ ހަމައެއް. ހެކިބަހުގައި ވެސް އެބަހުރި މައްސަލައެއް. އަޅުގަޑުމެން ގަބޫލެއް ނުކުރަން ފުލުހުންނާއި ސިފައިންނަށް މި މައްސަލައިގައި ހެކިބަސް ދެވިދާނެ ކަމަކަށް. ސަބަބަކަށް ވަނީ ފުލުހުންނާއި ސިފައިންނާ ވިލާޓީވީއަށް ގާއުކި ކަމަށް ތުހުމަތު ކުރެވޭ މީހުންނަކީ މުޒާހަރާ އަކުން ވަކިވެގެން ދިޔަ ބައެއްކަމަށް މި ބުނަނީ. އެހެންވީމަ މަގުމަތީގައި ފުލުހުންނާއި ސިފައިންނާއި މުޒާހަރާ ކުރި މީހުންނާއި ދޭތެރޭގަ އޮތީ ރުޅިވެރިކަން އުފެދިފައި،" ހަސީން ވިދާޅުވި އެވެ.
ވީޓީވީއަށް ގާއުކުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ހުކުމް އިއްވާފައި ވަނީ ހ. ލަދުމާގެއާގޭ އަހުމަދު ނައީމާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދާއި މ. ނޫރުޒޭރު ހުސެއިން ޝިފާއު ޖަމީލާއި އއ. ފެރިދޫ އާޒާދުގޭ ޣާނިމް ހަސަނާއި ރ. އަލިފުށީ ހަމީދީ މަންޒިލް އަހުމަދު ހަމީދާއި ހަމަ އެގޭ ހުސެއިން ހަމީދާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު، 50ގެ އިތުރުން ގ. ހާލަމް އަހުމަދު މުހީންގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ހުކުމް އިއްވި ދުވަހު ކްރިމިނަލް ކޮޓުގެ ގާޒީ ވިދާޅުވެފައި ވަނީ އެ މީހުންގެ ތެރެއިން މުހައްމަދު ހަމީދާއި އަހުމަދު މުހީން އާއި ޝިފާއު ޖަމީލު ވީޓިވީގެ އިމާރާތަށާއި ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ދިމާލަށް ގާއުކި މަންޒަރު ދުށް ކަމަށް ތިން މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އަހުމަދު ހަމީދާއި ހުސެއިން ހަމީދާއި އިސްމާއިލް ހައްމާދާއި ޣާނިމް ހަސަން ވެސް ގާއުކި މަންޒަރު ދުށްކަމަށް ދެ މީހަކު ހެކިބަސް ދީފައިވާ އިރު ދައުލަތުން ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފްޓޭޖްތަކުން ވީޓީވީގެ އިމާރާތަށް ގެއްލުން ލިބިފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.