05 Nov 2012, 13:30
ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ ކޯޗިން ކޯހެއް މިއަދު ފަށައިފި އެވެ.
ހެންވޭރު ބޯޅަގޭގައި ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވާނީ ފީފާގެ އިންސްޓެކްޓަރެއް ކަމަށްވާ މާޓިނޭޒް ލަގުނަސް އެވެ. އަދި ކޯހުގައި ޖުމްލަ 26 ކޯޗަކު ބައިވެރިވެ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ، މިކޯހުގެ ސަބަބުން ރާއްޖޭގެ އަންހެން ފުޓްބޯޅަ އަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ. އަދި ކޯސް ނިމޭ ދުވަހު 13 އަހަރުން ދަށުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް މާއްޓޭ ވިދާޅުވި އެވެ.
އެފްއޭއެމް އިން ބުނީ ކޯސް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަންހެން ފުޓްބޯޅަ ތަރައްގީކޮށް، ރާއްޖޭގައި މިހާރަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ފޯރި ގަދަކުރުމަށެވެ.