05 Nov 2012, 13:19
ޒުވާނުންގެ މަރުކަޒާއި ނެޓްބޯލް އެސޯސިއޭޝަން ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަހަށް ހާއްސަކޮށްގެން ޒުވާނުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތު ކަޕް ނެޓްބޯލް މުބާރާތުގައި ބައިވެރި ވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީހަށް ކުރިން ހަމަޖެހިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޒުވާނުންތަކެއް ބައިވެރިވާން އެދޭތީ އަލުން ނިންމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލާ ހަމައަށް ކުރިއަށް ގެންދިއުމަށެވެ.
އަށާރަ އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭގޮތަށް ހަމަޖެހިފައިވާ މިމުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު ނުވަ ވަނަ ދުވަހު އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ، މިފަދަ މުބާރާތްތައް ބޭއްވުމުގެ ބޭނުމަކީ، ނެޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބިފައި ތިބޭ އަންހެން ޒުވާނުންނަށް އެ ފުރުސަތު ހޯދައި ދިނުމާއި، ޒުވާނުންގެ ހުސްވަގުތު ރަނގަޅުގޮތުގައި ބޭނުން ހިފަން ހިއްވަރު ދިނުމާއި، ޒުވާނުން އެއްތަނަކުން ބައްދަލުވެ، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.