ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ކުރިން، އެ ދުވަހާ ޖެހެންދެން މުޅިދުނިޔޭގައި ހިންގަމުން އަންނަ ހަކުރު ބައްޔަށް މީހުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕޭން "ސްޓެޕް ފޯ ޑައިބިޓީސް 2012" ރާއްޖޭގައި ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. ބާރަށުން ފެށި ހިނގާލުމުގައި މިހާތަނަށް 100 އަށް ވުރެ ގިނަ ރަށުގައި ވަނީ އެ ހިނގާލުން ބާއްވައިފަ އެވެ. އެ ހިނގާލުމުގެ 100 ވަނަ ރަށަކަށްވީ އދ. އުކުޅަސް ކަމަށް އެކަން ކުރިއަށް ގެންދާ ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުންޏެވެ.

ހަކުރު ބައްޔަށް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގައި އޮންނަ ކަމަކީ އެބައްޔާ މެދު ހޭލުންތެރިކުރުމުގެ އެކި އެކި މައުލޫމާތު ލިޔެފައިވާ ބެނާތައް ހިފައިގެން، އަޑުގަދަކުރާ ބޭނުންކޮށްގެން ހޭލުންތެރިކުރުމުގެ މެސެޖްތައް ކިޔަމުން، ކޮންމެ ރަށަކުން ވެސް އެހަރަކާތުގައި ބައިވެރިވާ ބަޔަކާ އެކު ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުމެވެ.

ޑައިބިޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނީ މިހާތަނަށް ހިނގާލި ހުރިހާ ރަށަކުން ވެސް އެހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ހިނގާލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"ހުރިހާ ރަށަކުން ވެސް އަޅުގަނޑުމެންނަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން، ރަށު ކައުންސިލްތަކުގެ އެހީތެރިކަން އަޅުގަނޑުމެންނަށް އަންނަނީ ވަރަށް ބޮޑަށް ލިބެމުން،" ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވި އެވެ.

ނައިބު ރައީސް މުހައްމަދު ވަހީދުއްދީންގެ އެހީތެރިކަމާ އެކު އުފައްދައި، އަދި އެމަނިކުފާނުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ހިންގަމުން އަންނަ ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން އަންނަނީ ހަކުރު ބައްޔަށް ދިވެހިން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިހަރަކާތަކީ އެ ސޮސައިޓީން މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. އެސޮސައިޓީން އަންދާޒާކުރަނީ ހިނގާލުމުގައި އެއްލައްކަ މީހުން ބައިވެރިވާނެ ކަމަށެވެ. އަތޮޅުތަކުގައި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށާއި މިމަހުގެ 17 ވަނަ ދުވަހު މާލޭގައި ހިނގާލުން އޮންނާނެ ކަމަށް ވެސް އެ ސޮސައިޓީން ބުންޏެވެ.

ހަކުރު ބައްޔަކީ މިހާރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ބޮޑު ގައުމީ މައްސަލައަކަށް ވެފައިވާ ބައްޔެކެވެ. އެބައްޔަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ޖަމިއްޔާ" އިންޓަނޭޝަނަލް ޑައިބިޓީސް ފެޑެރޭޝަން" އިން ހާމަކޮށްފައިވާ ގޮތުގައި ހަކުރުބަލީގެ 366 މިލިޔަން މީހުން ދުނިޔޭގައި އެބަތިއްބެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އެބަލީގެ މީހުންގެ އަދަދު 552 މިލިޔަނަށް އަރާނެ ކަމަށް އެޖަމާއަތުން އަންދާޒާކުރެ އެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.