05 Nov 2012, 12:14
މަޖިލީހަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރެވިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ބޭއްވުމުގައި މަޖިލީހުގެ ރައީސަށް ލިބިދޭ ބާރުތައް ހަނިކުރުމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހުތައް އާންމު ކޮމެޓީން މިއަދު ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހުތައް ގެންނަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާ އަށް ޖާބިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަޖިލީހަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެނިގެން ޖަލްސާތައް ހުއްޓާލާފައިވާ މުއްދަތު މާ ދިގު ކަމަށް މެންބަރުންނަށް ފެނިއްޖެ ނަމަ މަޖިލީހުގެ މެންބަރުންގެ ތެރެއިން 25 މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅާ ސިޓީއަކުން އަލުން ޖަލްސާ ފަށަންވާނެ އެވެ. އަދި ސިޓީ ލިބޭތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މިއަދު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލައިގައި މެންބަރުން ވަނީ ބަހުސްކުރައްވައިފަ އެވެ. ބަހުސްގެ މަރުހަލާގައި އެމްޑީޕީ އަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒް ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ އެއްބާރުގެ ވެރިޔާ އަށް ލިބިފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށާއި ގާނޫނު އަސާސީ އިން ލިބިދޭ ބާރުތަކެއް ހަނިކުރަން މަސައްކަތް ކުރުމަކީ ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބަލަން ޖެހޭ އަޅުގަނޑުމެންނަށް މިކުރެވެނީ ކޮންކަމެއްތޯ. މަޖިލީހުގެ މެންބަރުންނަކަށް ނޫން އެނގޭނީ މަޖިލީހަށް ނުރައްކަލުގެ ހާލަތެއް ކުރިމަތިވީމާ. އެކަން އެނގޭނީ މަޖިލީހުގެ ރައީސްއަށް. ޖަލްސާއެއް ބޭއްވޭނެތޯ ނުވަތަ ނޫންތޯ ވެސް. އެއީ މެންބަރުން ބުނަން ޖެހޭ ކަމެއް ނޫން،" ޝިފާޒް ވިދާޅުވި އެވެ.
ކޮމެޓީގައި އިންނަވާ ޑީއާރުޕީގެ މެންބަރު މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް އަކީ މަޖިލީހުގެ އަޣުލަބިއްޔަތުން ހޮވާފައިވާ ބޭފުޅަކަށްވާ އިރު މަޖިލީހުގެ ރައީސަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް އެ އިސްލާހުގެ ސަބަބުން އެ ފުރުސަތު ހަނިވެގެންދާ ކަމަށެވެ.
"ކޮންމެހެން ޑީއާރުޕީ އަށް ނިސްބަތްވާ ބޭފުޅެއް ހުރީމައެއް ނޫން. މަޖިލިސް ރަނގަޅަށް ނުފޫޒެއް ނެތި ފަންކްޝަން ކުރުމަށް މުސްތަގުބަލަށް ޓަކައި ވެސް މިހާރު އޮތް ގޮތަށް މަޖިލީހުގެ ގަވާއިދު ބާއްވަން ޖެހޭ. އެހެން ނޫނީ އޭރުގެ ވެރިކަމެއްގައި ތިބޭ ބަޔަކު ބާރުފޯރުވާ ގޮތަކަށް އޮންނާނީ،" އާޒިމް ވިދާޅުވި އެވެ.
އެ އިސްލާހަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި ޕީޕީއެމް އަށް ނިސްބަތްވާ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން މަޖިލީހުގެ ރައީސަށް އޮތް ބާރުތައް ހަނިނުވާ ކަމަށާއި އޭގެ ބަދަލުގައި މަޖިލީހުގެ ޖަލްސާތައް އަލުން ފެށޭނެ އުސޫލެއް ކަނޑައެޅޭނެ ކަމަށެވެ.
މެންބަރުންގެ ހިޔާލު އިސްލާހުތަކާ މެދު ދެކަފިވުމުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ހުށަހެޅުއްވީ އެ އިސްލާހަށް ތާއީދުކުރުމަށް ވޯޓަކަށް ދިޔުމަށެވެ. އެ ހުށަހެޅުމަށް މުހުސިންގެ ތާއީދު ލިބުމުން ރިޔާސަތުން ވަނީ އެ އިސްލާހުތައް ފާސްކުރުމަށް ވޯޓަށް އަހައިފަ އެވެ. ނަމަވެސް އެ އިސްލާހުތަކަށް ތާއީދު ކުރެއްވީ އަލީ އާރިފާއި މުހުސިން އެކަންޏެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު އުފެދުނު ހަލަބޮލިކަމުގައި މަޖިލިސްވެސް ހޫނުވުމުން މަޖިލީހުގެ ރައީސްވަނީ ގާތްގަނޑަކަށް މަހެއްހާ ދުވަހަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފަ އެވެ.