05 Nov 2012, 12:07
ގަވައިދުން ރަނގަޅަށް ކަސްރަތުކުރާ މީހުންނަކީ ލޫޅާފަތި އަދި ސިއްހަތު ރަނގަޅު ބައެކެވެ. ކަސްރަތު ކުރުމުގެ ހަމައެކަނި ބޭނުމަކީ ލޫޅާފަތިވުން ކަމަށް ހީވެދާނެ އެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން އެނގިފައި ވަނީ ކަސްރަތު ކުރުމަކީ ހަމަ އެކަނި ލޫޅާފަތި ވުމާ ހިސާބަށް ހުއްޓިފައިވާ ކަމެއް ނޫން ކަމެވެ. ނަމަވެސް ކަސްރަތުކުރާ މީހުންނަށް ދަރިން ލިބުން ވެސް ފަސޭހަވާނެކަމެވެ.
ދިރާސާ އިން ހާމަވެފައިވާ ގޮތުގައި ކަސްރަތުކުރާ މީހުންގެ ދަރިފަނި އެނޫން މީހުންގެ ދަރިފަންޔަށް ވުރެ ބާރަށް ފަތަ އެވެ. އަދި ދަރިފަންޏަށް ރަނގަޅު މާހައުލެއް އެފަދަ މީހުންގެ ހަށިގަނޑުގައި އުފެދެ އެވެ.
ސްޕޭންގެ ޔުނިވަސިޓީ އޮފް ކޮސްޑޯބާގެ ސައިންސްވެރިން ކުރި ދިރާސާއަކީ އަދުގެ ޖީލަށް ވަރަށް މުހިއްމު ދިރާސާއެކެވެ. އެހެނީ އިންސާނުންގެ ދަރިފަނީގެ ސިއްހަތު ފާއިތުވި 50 އަހަރު ތެރޭގައި ވަނީ ޖުމްލަގޮތެއްގައި ދަށަށް ގޮސްފަ އެވެ. އެކަމުގެ ސަބަބުތަކެއް ކަމަށް ފާހަގަކުރެވިފައި ވަނީ ރާބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކަށީގެންވާ ވަރަށް ވުރެ ބަރުދަން އިތުރުވުމެވެ.
ދިރާސާގައި ބައިވެރިކުރި މީހުންގެ އަދަދު މަދުކަމުގައި ވިޔަސް މިއީ ހަރަކާތްތެރި މީހުންނާއި ހަރަކާތްތެރި ނޫން މީހުންނަށް ދަރިން ލިބުމުގައި ހުރި ތަފާތު ދެނެގަންނަން ކުރި މިފަދަ ފުރަތަމަ ދިރާސާ ކަމަށް ވާތީ މިއީ ވަރަށް މުހިއްމު ދިރާސާއެއް ކަމަށް، ދިރާސާގައި އިސްކޮށް އުޅުއްވި ޑަޔާނާ ވާމޮންޑޭ ގަބޫލުކުރައްވަ އެވެ.
"މިހޯދުން އިތުރަށް ކަށަވަރު ކުރުމަށް އަދި އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ވިޔަސް، ކަސްރަތު ކުރުމަކީ [ހަށިގަނޑުގައި] ދަރިފަންޏަށް ރަނގަޅު މާހައުލެއް އުފެދޭ ކަމެއްކަން އަހަރެމެންނަށް މިވަނީ އެނގިފައި." ޑަޔާނާ ވިދާޅުވި ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައިވެ އެވެ.