05 Nov 2012, 11:38
ޝްރީލަންކާގެ ކޮލޮމްބޯގައި އިއްޔެ ނިންމާލި ހަ ވަނަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން ޝްރީލަންކާގެ ނިޝާންތާ ފެނާންޑޯ ހޯދައިފި އެވެ. މިއީ އިންޑިއާ ފިޔަވާ އެހެން ގައުމެއްގެ ކުޅުންތެރިއެއް ސިންގަލްސް އިވެންޓުގެ ވޯލްޑް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ކުއަޓާ ފައިނަލްގައި އިންޑިއާގެ ޕްރަކާޝް ގައިކްވާޑް ބަލިކޮށް އަދި ސެމީ ފައިނަލްގައި ދުނިޔޭގެ އެއްވަނަ ރޭންކް އިންޑިޔާގެ ޔޯގޭޝް ޕަރުދޭސީ ބަލިކޮށް އަދި ފައިނަލްގައި ވެސް އިންޑިޔާގެ ކުޅުންތެރިއެއް ކަމަށްވާ ބާރިތަދާސަން ބަލިކުރުމަށްފަހު އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިންޑިޔާގެ ރަޝްމީ ކުމާރީ އެވެ. މިއިވެންޓުގައި ވާދަކުރި ދިވެހިރާއްޖޭގެ ހުރިހާ ކުޅުންތެރިން ވެސް ވަނީ މިމުބާރާތުގައި ކުރީގައި ހަދާފައި ހުރި އަމިއްލަ ރިކޯޑުތައް މުގުރާލާފަ އެވެ.
މިމުބާރާތުގައި ކުޅެވުނު ސުވިސްލީގު އެއްވަނަ ހޯދައިގެން ދުނިޔޭގެ ރޭންކުގެ އެއްވަނަ މަޤާމު ހޯދީ ޕްރަކާޝް ގައިކުވާޑެވެ. އަދި ދެ ވަނަ ހޯދީ ޝްރީލަންކާގެ ނިޝާންތަ ފެނާންޑޯ ހޯދި އިރު ތިން ވަނަ ހޯދީ އިންޑިޔާގެ ޔޯގޭޝް ޕަރުދޭސީ އެވެ. ދުނިޔޭގެ ރޭންކުގެ ނުވަވަނަ މަޤާމު ދިވެހިރާއްޖޭގެ ހުސެއިން އަލީ ހޯދި އިރު ހަސަން ނާޒިމު ވަނީ ދުނިޔޭގެ ރޭންކުގެ ތޭރަ ވަނަ މަޤާމު ހޯދައިފަ އެވެ. ޝާފީ މުހައްމަދަށް ލިބިފައި ވަނީ ދުނިޔޭގެ ސާދަވަނަ ރޭންކް ހޯދާފަ އެވެ.
މިމުބާރާތުގެ ފިރިހެން ޓީމު ޗެމްޕިއަންކަން ހޯދާފައި ވަނީ އިންޑިއާއިންނެވެ. ދެ ވަނަ ލިބުނީ އެންމެ ފަހުގެ ވޯލްޑް ކެރަމް ޗެމްޕިއަން ޝްރީލަންކާއަށެވެ. ތިންވަނަ ހޯދީ ބަނގްލަދޭޝް އިންނެވެ. އަންހެން ޓީމު ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. ޝްރީލަންކާ ދެވަނަ ހޯދިއިރު މި އިވެންޓުގެ ތިންވަނަ ހޯދީ ދިވެހިރާއްޖެއިންނެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 31 އިން އިއްޔެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގައި 17 ޤައުމަކުން 95 ކުޅުންތެރިއަކު ވާދަކޮށްފައިވެ އެވެ. އެއީ ޝްރީލަންކާ، އިންޑިއާ، ކެނެޑާ، ޢިޓަލީ، ޕޮލެންޑް، ބަންގަލަދޭޝް، ގަތަރު، މޮރިޝަޝް، އެމެރިކާ، ޕާކިސްތާން، މެލޭޝިއާ، ސުވިޓްޒަލޭންޑް، ޖަރުމަން، ޖަޕާން، ކޮރެއާ، ހޮލެންޑް، ފްރާންސް، އިންގްލެންޑް އަދި ދިވެހިރާއްޖެ އެވެ.
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ކެރަމް ޓީމް މިރޭގެ ވަގުތެއްގައި މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.