ރައީސްކަންކޮށްފައިވާ ބޭފުޅަކު ދެއްކެވި ވާހަކަފުޅަކުން އިނާޔަތް ނުލިބޭ ގޮތަށް ރައީސްކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރައީސްކަންކޮށްފައިވާ ބޭފުޅަކު ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ގޮތަކަށް އަމަލު ކުރުމާއި އެކަމަށް ހިއްވަރުދިނުމާއި ނުވަތަ އެފަދަ ކަމަކަށް ގޮވާލައިފިނަމަ އެންމެހައި އިނާޔަތްތަކާއި ރައްކާތެރިކަމުން މަހުރޫމްވާނެ އެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އަމަލު ކުރުމާއި އެފަދަ ކަމަކަށް ހިއްވަރުދީ ގޮވާލުމާއި އިގްތިސާދު ފުޑުފުޑުކޮށްލާފަދަ އަމަލެއް ކުރުމާއި އެފަދަ ކަމަކަށް ގޮވާލުމާއި ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދީފިނަމަ ވެސް އިނާޔަތްތަކުން މަހުރޫމްވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ރައީސްކަންކޮށްފައިވާ މީހަކަށް ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނެ ހާލަތްތަކެއްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލެއް ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުމާއި އެކަމަށް ހިތްވަރު ދޭ ހާލަތްތަކާއި އަދި ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތަކުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލު ކުރަންޖެހޭ ހާލަތެއްގައި ހިމާޔަތާއި ރައްކާތެރިކަމުން އެބޭފުޅަކު މަހުރޫމުވާނެ އެވެ.

ރިޔާޒް ހުށަހެޅުއްވި ބިލަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ތާއިދު ކުރެއްވި އިރު، ޑީއާރްޕީ އާއި އެމްޑީޕީގެ އިތުުން ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް އެ ބިލަށް ދެކޮޅު ހެއްދެވި އެވެ.

"މި ބިލުގެ ރޫހަށް ބަލާލައިއިރު މި ފެންނަނީ ވަކި ކޯޓެއްގެ ވާހަކަ. މި ބިލް އޮރިޖިނަލީ މި މަޖިލީހަށް ހުށަހެޅުނު އިރު މިއީ ވަކި މީހަކަށް ފަހާ ކޯޓެއްގެ ވާހަކަ. މިހާރު މިއުޅެނީ ކޯޓު ވަކި ކޮޅުކޮޅަށް ދަމަން،"ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކެލާ ދައިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވީ ރިޔާޒް ހުށަހެޅުއްވި ބިލަކީ ރައީސް ނަޝީދުގެ އިނާޔަތްތައް ނިގުޅައިގަތުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަލައެއް ނެތް [އިނާޔަތްތައް] އެއްކޮށް ކަނޑާލިޔަސް. އަޅުގަނޑަށް އިނގޭ އެއްޗަކީ ރައީސްކަންކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ދޭންޖެހޭއިރު ރައީސް ނަޝީދު މަގުމަށްޗަށް ނުކުންމެވަޑައިގެންނެވި ދެ ދުވަހު އެކަކު ޕެޕާ ސްޕުރޭ ޖެހީ އެކަކު ކަންކަށިމަތީ ވީއްލާލީ. ކޮބާއިތޯ ގާތުގައި ތިބި ބޮޑީގާޑުން،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މުހައްމަދު ރިޔާޒް (ދާންދޫ ރިޔާޒް) ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ރިޔާޒް ހުށަހެޅުއްވި ބިލަކީ ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި ރައްކާތެރިކަން ގެއްލުވާލަން ހުށަހެޅި ބިލެއް ނޫން ކަމަށެވެ. އެ ބިލުމުގެ ބޭނުމަކީ ރައީސްކަންކޮށްފައިވާ ބޭފުޅުންނަކީ ޒިންމާދާރު ބޭފުޅުންގެ ގޮތުގައި ހެދުމާއި މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނަށް ހެއްދެވުން ކަމަށް މަހުލޫފު ވިދާޅުވި އެވެ.