05 Nov 2012, 10:41
ޤާހިރާ (ނޮވެމްބަރ 5): ސޫރިޔާގެ މައްސަލަ ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ ފަރާތްތައް އެއްބަސްވުމަކަށް އައުމަށް ކުރިމަސައްކަތްތައް ނާކާމިޔާބު ވެއްޖެ ކަމަށް ޢަރަބި ލީގުން ބުނެފި އެވެ.
ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލް އަރަބީ ވިދާޅުވީ ސޫރިޔާގެ މައްސަލަ ޙައްލުކުރުމުގައި އެއްބަސްވުމަކަށް އައުމާބެހޭ ގޮތުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާއި އދ.ގެ މަންދޫބު އަލްއަޚްޟަރުލްއިބްރާހީމީއާ އެކު ޤާހިރާގައި އޭނާ ކުރެއްވި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައިނުވާކަމުގަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާއި އދ.ގެ މަންދޫބު އަލްއަޚްޟަރުލްއިބްރާހީމީއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ދެ ބޭފުޅުންނާ އެކު ނަބީލުލްއަރަބީ ޤާހިރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ މި މަޝްވަރާތަކުގައި ސޫރިޔާގެ މައްސަލަ ޙައްލުކުރެވޭނެ ހުރިހާ ގޮތްތަކަކާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށާއި ނަމަވެސް އެއްބަސްވުމަކަށް ނާދެވުނު ކަމުގަ އެވެ.
އަލްޢަރަބީ ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް އެއްކަމަކާ މެދު އެއްގަލަކަށް އެރިކަމަށާއި އެއީ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލުންކަމުގަ އެވެ. މިމަޝްވަރާތަކުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މަންދޫބަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ރަޝިޔާއަކީ ބާރުގެ ބޭނުންކޮށްގެން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް ދެކޮޅުހަދާ ޤައުމެކެވެ. އަދި ސޫރިޔާގެ މައްސަލައިގެ ތެރެއަށް ސިޔާސީ ބޭނުމެއްގައި ހުޅަނގުގެ ބާރުތަކުން ވަދެފައިވާކަމަށް ވެސް ރަޝިޔާ ތުހުމަތުކުރެއެވެ.
މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ސޫރިޔާގެ މައްސަލަ ބާރުގެ ބޭނުންކޮށްގެން ޙައްލުނުކުރެވޭނެ ކަމަށާއި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ވެސް ސުލްޙައިގެ މޭޒުދޮށަށް އައިސް ސޫރިޔާ ސަރުކާރުގެ މަންދޫބުންނާ އެކު ވާހަކަ ދައްކައިގެން އެޤައުމުގެ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމާ މެދު ވިސްނަންވެއްޖެ ކަމުގަ އެވެ. ސޫރިޔާގެ އިދިކޮޅު ހުރިހާ ފަރާތްތަކުން ވެސް ވަނީ ރައީސް ބައްޝާރުލްއަސަދް ވެރިކަމުން ދުރުވެވަޑައިނުގަންނަވަނީސް އެޤައުމުގެ ސަރުކާރާ ވާހަކަ ނުދެއްކުމަށް އެއްބަސްވެފަ އެވެ.
ލާވްރޯވް ވިދާޅުވީ ރަޝިޔާއަކީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ އަދި ބައްޝާރުގެ ސަރުކާރާވެސް ގުޅުންތައް ބާއްވާ ހަމައެކަނި ޤައުމުކަމުގަ އެވެ. މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އދ.ގެ މަންދޫބު އަލްއަޚްޟަރުލްއިބްރާހީމީ ވެސްވަނީ ސޫރިޔާގެ މައްސަލަ އަށް ޢަސްކަރީ ޙައްލެއްނެތް ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)