05 Nov 2012, 10:32
ހުޅުމާލެގައި އެސްޓީއޯ އިން އިމާރާތް ކުރަމުން އަންނަ ފަސް ތަރީގެ ހޮޓާ އިމާރާތް ކުރުމަށް ޓަކައި ތައިލެންޑްގެ އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ތައިލެންޑުން (އޭއެކުސްއައިއެމް) އެސްޓީއޯ އަށް 32 މިލިއަން ޑޮލަރު (493 މިލިއަން ރުފިޔާ) ލޯނެއް ނަގައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސޮއިކުރި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. އަދި އޭއެކުސްއައިއެމް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ޕުރެސިޑެންޓް ކަނިޓް ސުކޮންތަމަން އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެސްޓިއޯ އިން ޓޫރިޒަމް ދާއިރާ އަށް ނުކުތުމުގެ ގޮތުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފަސް ތަރީގެ އެ ހޮޓަލަށް 32 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށެވެ.
"ލޯން އަޅުގަނޑުމެން މިދިޔަ ހަފްތާ ތެރޭގައި މިވަނީ ނަގާފައި. މިލޯންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް އެ ލޯން އަޅުގަނޑުމެނަށް ލިބެން ފަށަނީ މިއަންނަ އަހަރުން ފެށިގެން." ޝާހިދު ވިދާޅުވި އެވެ.
އެލޯނަކީ ކިހާ މުއްދަތަކަށް އަދި ކިހާ އިންޓަރެސްޓަކާ އެކު ނަގާ ލޯނެއް ކަމެއް ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ލޯންގެ އެގްރީމަންޓްގައިވާ ގޮތުން ލޯންގެ 85 ޕަސެންޓް ހަރަދުކުރަން ޖެހޭނީ ތައިލެންޑްގެ ކޮންޓްރެކްޓަރުންލައްވައި ކުރާ މަސައްކަތްތަކާއި ތައިލެންޑުން ގަންނަ ތަކެއްޗަށް ކަމަށެވެ.
ޝާހިދު އަލީ މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ހޮޓާ އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިއަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަަންނަ ފަސްތަރީގެ 500 އެނދުގެ ހޮޓާ މެނޭޖްކޮށް ބަލަހައްޓާނީ ދުނިޔޭގެ ގިނަ ހޮޓާތަކެއް މެނޭޖްކޮށް، ބަލަހައްޓަމުން އަންނަ އެމެރިކާގެ ކާލްސަން ގްރޫޕުންނެވެ.
އެ ހޮޓާ އިމާރާތް ކުރަމުން ގެންދަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަންއިންނެވެ.