ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގައި ޖަހާފައި ހުންނަ އިނގިލީގެ ނިޝާންތައް ނުބައި ކަމަށް ބުނެ ފޯމްތައް ބާތިލުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ގާނޫނީ ގޮތުން އޮތް ހައްގެއް ނޫން ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިލެކްޝަންސް ކޮމިޝަނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީއާ އާންމުގެ ބަޔަކު ގުޅުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި، ޕާޓީތަކުން ހުށަހަޅާ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށް ނޯންނަ ކަމަށާއި އެކަން އެގޮތަށް ކުރުމުގެ އެއްވެސް ގާނޫނީ ހައިސިޔަތެއް އެ ކޮމިޝަނަށް ނެތް ކަމަށެވެ. އަދި ގާސިމް ވިދާޅުވީ ސިިޔާސީ ޕާޓީތަކަށް ވަންނަން އެދޭ މީހުންގެ ފޯމްގައި އިނގިލީގެ ނިޝާން ޖަހަން ފެއްޓި ފަހުން އިލެކްޝަންސް ކޮމިޝަނަށް "ބަލައިގެނެވޭ ފޯމެއް އޮތް ކަމަށް ނުވާ" ކަމަށާއި ފޯމްތަކުގައި އިނގިލީގެ ނިޝާން ޖަހަން ބުނުމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ގާސިމް ވިދާޅުވީ ފޯމްތަކުގައި އިނގިލީގެ ނިޝާން ޖަހަން މަޖުބޫރު ކުރުވުމަކީ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށެވެ.

"އެބޭފުޅުންގެ [އިލެކްޝަންސް ކޮމިޝަން]ގައި ގާބިލްކަން ހުރީކީ ނޫން އިނގިލީގެ ނިޝާން ޖަހާކަށް. ގާނޫނީ ހައިސިޔަތެއް ނެތް އިނގިލީގެ ނިޝާން ޖަހަން އަޅުގަނޑުމެނަށް މަޖުބޫރުކުރާކަށް. އެކަން ކުރުމަކީ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށް އަޅުގަނޑުމެން ދެކެނީ،" ގާސިމް ވިދާޅުވި އެވެ.

ފޯމް ހުށަހެޅުމަށް ފަހު ވެސް ޕާޓީގެ ދަފްތަރުގައި ފޯމް ހުށަހަޅާ ފަރާތްތައް ނުހެމެނި ގިނަ ދުވަސްތަކެއްވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަމާ މެދު ވެސް ޝައްކު އުފެދޭ ކަމަށެވެ.

"އެތަނަށް [އިލެކްޝަންސް ކޮމިޝަނަށް] ފޯމް ފޮނުވާފައި އެބަތިބެން ޖެހޭ 15 ދުވަސް، އެއް މަސް، ދެ މަސްވަންދެން އެކަން ނުވެގެން. ކީއްބާވައޭ މިކުރައްވަނީ. އެއްވެސް ޔަގީކަންމެއް ނޯވޭ. ފޮޓޯ ކޮޕީ ނަގާފައި އަނެއްކާ އެހެން ބަޔަކަށް ދެނީ ނޫން ބާއޭ، [ހިތަށް އަރާ]. އެގޮތަށް އިތުބާރު ގެއްލޭ ހިސާބަށް ދާފަހުން މި ފޮނުވާލަނީ އިނގިލީގެ ނިޝާން ކަމުނުގޮސްގެން ކަމަށް ބުނެ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރެކޭ އެއްގޮތަށް އިނގިލީގެ ނިޝާނަށް ބެލުމަށް ފަހު ފޯމް ރިޖެކްޓް ކޮށްލާ އުސޫލު ގެންގުޅޭ ކަމަށްވާ ނަމަ އެ ޕާޓީން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިނގިލީގެ ނިޝާނަށް ބެލުމަށް ފަހު ފޯމް ބާތިލުކުރުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވެސް ވަނީ އެ ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިނގިލީގެ ނިޝާނަށް ބަލައި ފޯމްތައް ބާތިލު ކުރުމަކީ "ދެކޮޅު ޖެހޭ ކަމެއް ނޫން" ކަމަށާއި ފޯމްތައް ބާތިލު ކުރުމާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތަށް ވާހަހަކަ ދައްކަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ގާސިމް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރޭ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީ އަށް ވަނީ އާންމުންގެ 100 އަށް ވުރެ ގިނަ ފޯމް ހުށަހަޅައިފަ އެވެ.