05 Nov 2012, 09:01
ބާލިން (ނޮވެމްބަރ 5): ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ސިއްޙީ ޙާލުކޮޅާ މެދު ސުވާލު އުފެދިފައިވާ ކަމަށް ޖަރުމަނުގެ މަޝްހޫރު ނޫހަކުން ބުނެފި އެވެ.
"ބީލްދު" ނަމަކަށް ކިޔާ މިނޫސް ބުނި ގޮތުގައި ޕޫޓިންގެ ސިއްޙީ ޙާލުކޮޅުވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. އަދި ޕޫޓިން އުޅުއްވަނީ ގޮތްނޭނގޭ އާލާސްކަންފުޅެއްގައި ކަމަށް ޝައްކުކުރެވޭ ކަމަށާއި ރަޝިޔާގެ ރަސްމީ އަދި ނުރަސްމީ އެއްވެސް ޙަފްލާއަކުން އަދި ރަޝިޔާގެ ޤައުމީ ޓީވީ އިން ވެސް ޕޫޓިންގެ އެއްވެސް ހަރަކާތެއް ނުފެންނަތާ މަހެއްހާ ދުވަސްވެފައިވާ ކަމަށް މިނޫސް ބުނެ އެވެ. ޕޫޓިން ނުފެންނަތާ ދުވަސްތަކެއް ވެފައިވާތީ ރަޝިޔާގެ ރައްޔިތުންގެ މެދުގައި ވެސް އޭނާގެ ސިއްޙީ ޙާލުކޮޅާ މެދު ސުވާލުތަކެއް އުފެދިފައިކަމަށް މިނޫސް ބުނެ އެވެ.
ނަން ހާމަކުރަންނޭދޭ ރަޝިޔާގެ ބައެއް ފަރާތްތަކާ ޙަވާލާދީ ޖަރުމަނުގެ "ބީލްދު" ނޫސް ބުނެފައި ވަނީ އުމުރުން 60 އަހަރުގެ ޕޫޓިންގެ މައިބަދައަށް ދާދިފަހުން ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައިކަމަށާއި މިގެއްލުން ލިބިފައި ވަނީ ވައިކުޑައަކުން އޭނާ ފޭބުމުގެ ތެރޭގައި ހިނގި ހާދިސާ އެއްގައި ކަމަށެވެ. މި ހާދިސާ އެކި ރިޕޯޓްތަކުގައި އެކިގޮތަށް ސިފަކޮށްފައިވާ އިރު އެންމެ ކަށަވަރު ރިޕޯޓް ބުނާގޮތުން ޕޫޓިންގެ މައިބަދައަށް ގެއްލުން ލިބުނީ ވައިކުޑައަކުން އޭނާ ފައިބަނިކޮށް ބިޔަ ދޫންޏެއް އޭނާގެ ބުރަކަށްޓަށް ދިން ޙަމަލާއެއްގަ އެވެ. މިޙަމަލާއަށް ފަހު ރަޝިޔާގެ ޢަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ޕޫޓިން އަށް ފަރުވާދެމުން ގެންދާތާ މިހާރު މަހެއްހާ ދުވަސްވެއްޖެ ކަމަށް މިރިޕޯޓް ބުނެ އެވެ.
ޖަަރުމަނުގެ ނޫސް ބުނާ ގޮތުން ދާދިފަހުން ޕޫޓިން ވަނީ ވަރަށް ބަލިގޮތަކަށް އިށީނދެ ވަޑައިގެން އިންނަވަނިކޮށް ފެނިފަ އެވެ. އަދި އިންޑިޔާ އަށާއި ބަލްގޭރިޔާ އަށް އޭނާ ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުތަކެއް ވެސް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވަނީ ކެންސަލްކޮށްފަ އެވެ.
ޕޫޓިންއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އޭރުގެ ރޫސީވިލާތުގެ ޖާސޫސީ އިދާރާ (ކޭޖީބީ)ގެ ސިއްރު އެޖެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ އަށް ރަޝިޔާގެ ވެރިކަން ފުރަތަމަ ލިބިވަޑައިގަތީ 1999 ގަ އެވެ. އެއަށް ފަހު ހަ އަހަރުގެ ރިޔާސީ ދެ ދައުރު ޕޫޓިން ފުރިހަމަ ކުރެއްވި އެވެ. އަދި އެއަށް ފަހު ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރްސަތު ޤާނޫނީ ގޮތުން ނެތިގެން އެއްދައުރު ބޮޑުވަޒީރު ކަމުގައި ހުންނެވުމަށް ފަހު މިދިޔަ މާޗް މަހު ބޭއްވި ރަޝިޔާގެ ރިޔާސީ އިންތިޚާބު އަނެއްކާ ވެސް ކާމިޔާބު ކުރައްވައިގެން ޕޫޓިން ވަނީ ރަޝިޔާގެ ރައީސް ކަމަށް އަލުން އެނބުރި ވަޑައިގެންފަ އެވެ. (އަލްޖަޒީރާ)