05 Nov 2012, 09:01
މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރު އަތުން އަތުލުމަށް ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށާއި، ސަރުކާރަކުން އެ ބާވަތުގެ ވާހަކަތަކެއް ދެއްކުމަކީ ރާއްޖެ އަށް ފޫ ނުބެދޭ ވަރުގެ ދެރައާ ގެއްލުން ލިބިދާނެ ވާހަކަ ތަކެއް ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓު ހިންގާއިރު 25 އަހަރުގެ ތެރޭގައި ދައުލަތަށް 45 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ސަރުކާރުން އެއާޕޯޓް ހިންގަން ފެށުމުން އެ މުއްދަތުގެ ތެރޭގައި 60 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ބުނަމުންދާ އިރު ފައިސާގެ އެހާބޮޑު ފަރަގެއް ހުރުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާނެ ކަމެއް ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ފުރަތަ ނިންމާފައި އޮތީ އެއަޕޯޓުގެ ގްރޯތް ނުވަތަ މީހުން އަންނަ މިންވަރު އިތުރުވަމުން ދާނޭ ކޮންމެ އަހަރަކު 25 ޕަސެންޓު. އަޅުގަނޑުމެންނަށް އައިއެފްސީން ނާއި ވޯލްޑު ބޭންކުންނާއި އަދި ދުނިޔޭގަ މިކަންކަމުގަ ހިސާބުޖަހާ މީހުން ވިދާޅުވަނީ މީހުން އަންނަވަރު އިތުރުވަނީ 3.5 ޕަސެންޓާއި، އަދި 4.5 ޕަސެންޓާއި ދެމެދުއޭ. އެހެންވީމަ އެބޭފުޅުން އެ ވިދާޅުވާ 25 ޕަސެންޓަކީ އަޅުގަނޑުމެން ދަންނަ ހިސާބެއް. އެއީ ގުޅީ ފަޅުން 100 މިލިއަން ޑޮލަރު ލިބިލައްވާނެ ކަމަށް ބަޖެޓު ހައްދަވާފައި އަޅުގަނޑު ހަނދާންވާ ގޮތުގައި 2007 ވަނަ އަހަރު ނެރުއްވި. އަދި އިހަވަންދޫ އިން 200 މިލިއަން ޑޮލަރު ލިބިލައްވާނެ ކަމަށް ދައުލަތުގެ ބަޖެޓު ހައްދަވާފައި އެބަޖެޓު ނެރެފައި އޮއްވާ އަޅުގަނޑު ދުށިން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިފަހަރު އަނެއްކާވެސް އެ ވިދާޅުވަނީ ރާއްޖޭގައި ޓޫރިސްޓު އެނދު ހުރި ވަރަށް ވުރެ މީހުން އަންނަ މިންވަރު އިތުރު ވަމުންދާ ވާހަކަ ކަމަށާއި އަދި ރާއްޖެ އަށް އާއްމުކޮށް ޓޫރިސްޓުން ޒިޔާރަތްކުރާ މިންވަރާ އަޅާ ބަލާއިރު ހައިރާންވާ މިންވަރަށް އެ އަދަދު އިތުރު ވެދާނެ ކަމަށް ސަރުކާރުން ހިސާބު ޖައްސަވާ ކަމަށެވެ.
"އެހެންވީމަ އެ ހިސާބު ތަކުގެތެރޭގައި މި ދެންނެވި 60 ބިލިއަން ރުފިޔާގެ ތެރެއަށް އަޅުގަނޑަށް ހިސާބުވާ ގޮތުގައި 12 ބިލިއަން ރުފިޔާ ވަގަށް ނަންގަވާފަ އެބަވޭ. އެއްކަލަ 60 ބިލިއަން ރުފިޔާގެ ތެރެއިން 12 ބިލިއަން ކަނޑާލީމަ މިވަނީ 16 ބިލިއަން. އޭގެ އިތުރުން އެބޭފުޅުން އަނެއްކާ މި ވިދާޅުވަނީ ޑިއުޓީ ފްރީއަށް ލިބޭ އާމްދަނީގެ ވާހަކަ. އެތަނަށް ލިބޭ އާމްދަނީގެ ވާހަކަ ދައްކާއިރު އެތަނަށް ހިނގާނެ ޚަރަދުގެ ވާހަކަ އެއްގޮތަކަށް ހިސާބު ޖައްސަވާފަ އެއް ނުވެ. އާއްމުކޮށް އާމްދަނީގެ 75 ޕަސެންޓް ޚަރަދު. އެހެންވީމަ އަޅުގަނޑަށް ފެނުނީ 19.5 ބިލިއަން ވަގަށް މިތާ އެތެރެއަށް އިތުރު ކޮށްފައި އޮތްތަން މި ދެންނެވި 60 ބިލިއަން ހޯދުމަށް،" ނަޝީދު ވިދާޅުވި އެވެ.
ރޭގެ ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ޖީއެމްއާރުން އިންވެސްޓުކުރަން ނިންމާފައިވަނީ 4.8 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފައި ވީނަމަވެސް އެ ކޮންޓްރެކްގައި އޮންނާނީ ޖީއެމްއާރުން 8.9 ބިލިއަން ރުފިޔާ ޚަރަދުކުރާ ވާހަކަ ކަމަށެެވެ. އެ އަދަދުގެ ތެރެއިންވެސް ވީނުވީ ނޭނގޭ ބައެއް ވާކަމަށާއި، އަދި ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރާއިރު އެކަން ކުރާނީ ސީދާ ލޯނަކުން ކަމަށް ބުނެފައި ވީ ނަމަވެސް ހިސާބު ޖަހާފައި އޮތްއިރު އެލޯނުގެ އިންޓްރެސްޓުގެ އަދަދުވެސް ހިމަނާފައި ނެތް ކަމަށެވެ.
"އެހެންވީމަ އަނެއްކާވެސް އެތައް ރުފިޔާއެއް މަދުވެގެން މިދަނީ. ހަމަ އެއާއި އެކު އެބޭފުޅުން ހިސާބު ޖައްސަވާފައިވާ އިރު އެއާޕޯޓްސް ކޮމްޕެނީގެ އެއްވެސް ޚަރަދެއް ހިނގާނެ ކަމަކަށް ހިސާބު ޖައްސަވާފައެއް ނުވެ. އެހެންވީމަ އެ ޚަރަދަކީ އަހަރެއްގެ މައްޗަށް މަދުވެގެން 110 މިލިއަން ރުފިޔާ ކަމަށް ވާތީވެ އަނެއްކާވެސް މި ދެންނެވި 60 ބިލިއަންގެ ތެރެއިން 2.7 ބިލިއަން އެބަޖެހޭ އުނި ކުރަންޖެހޭ. އެންމެ ފަހުން އައިސް ހަގީގީ ހިސާބަކީ އެއާޕޯޓްސް ކޮމްޕެނީން އެއާޕޯޓު ހިންގާނަމަ ދިވެހި ދައުލަތަށް ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ލިބޭނީ 18 ބިލިއަން ރުފިޔާ. ޖީއެމްއާރުން ހިންގީމަ ލިބޭނި 45 ބިލިއަން ރުފިޔާ. އެއީ އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާ،" ނަޝީދު ވިދާޅުވި އެވެ.
ޖީއެމްއާރުން އާ އެއާޕޯޓު ހިންގަން ހަވާލުކުރުމުން ރާއްޖެއަށް ގެއްލުންވާނެ އެއްވެސް ތަނެއް ނެތް ކަމަށާއި، އެފަދަ ގެއްލުމެއްގެ ޒައްރެއްގެ މިންވަރު ދެއްކިޔަސް އެމްޑީޕީން އެކަމާއި ވިސްނާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މާލޭގެ އެކި ހިސާބު ތަކުގައި އިންޑިއާ އާ ދެކޮޅަށް ލިޔުންތައް ހަރުކޮށް އަޑު އުފުލައިގެން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި، މިއަދު އެކަމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުންވެސް ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން މަސައްކަތް ނުކުރާ ކަމަށެވެ.