ޖިއްދާ (ނޮވެމްބަރ 4): މިޔަންމާގެ ހައްދުފަހަނަޅާފައިވާ ބުޑިސްޓުންގެ ފަރާތުން އެޤައުމުގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާއި ނަސްލު ނައްތާލުމުގެ ޢަމަލުތައް އަނެއްކާ ވެސް އިތުރުވަމުންދާތީ އެކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެޖަމްޢިއްޔާ އިން ހާމަކޮށްފި އެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓޭރިއަޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ ޙާލަތާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ޚާއްސަ ބައްދަލުވުން އޮންނާމީ މި ހިނގާ ނޮވެމްބަރު މަހުގެ 15-17 އަށް ޖިބޫތީ ގައި ކަމުގަ އެވެ. 57 ޤައުމު ހިމެނޭ އޯއައިސީގެ ބަޔާނުގައި މިޔަންމާގެ މުސްލިމުން ޙިމާޔަތްކުރުމުގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް މެންބަރު ޤައުމުތަކުން މަސައްކަތްކުރަމުން ގެންދާކަން ވެސް ހާމަކޮށްފައިވެ އެވެ.

މިޔަންމާގެ ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ހިންގަން ފަށާފައިވާ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ފާއިތުވި ދެތިން ހަފްތާގައި އާދަޔާ ޚިލާފަށް އިތުވެ 9000 އަށްވުރެ ގިނަ ރޮހިންގްޔާ މުސްލިމުން އެކަމުގެޝިކާރައަކަށް ވެފައިވާކަން ވެސް އޯއައިސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިޔަންމާގެ ރޮހިންގްޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ހަރުކަށި ބުޑިސްޓުން އަނިޔާވެރި ޢަމަލުތައް މައިގަނޑު ގޮތެއްގައި ހިންގަމުން ގެންދަނީ މިޔަންމާގެ އަރަކާން ސްޓޭޓްގަ އެވެ.

އަރަކާން ސްޓޭޓްގައި ހަރުކަށި ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދިޔަ އަނިޔާވެރި ޢަމަލުތައް އިސްލާމީ ދުނިޔޭގެ ސަމާލުކަމަށް އައުމާގުޅިގެން މިޔަންމާގެ މުސްލިމުން ޙިމާޔަތްކުރުމަށް ގޮވާލައި އިސްލާމީ ޤައުމުތަކުގެ އިސްވެރިން ކުއްލި ސަމިޓް ބައްދަލުވުމެއް މިދިޔަ އޮގަސްޓްމަހުވަނީ މާތްވެގެންވާ މައްކާގައި ބާއްވާފަ އެވެ. މިސަމިޓަށް ފަހު ވެސް މިޔަންމާގެ މުސްލިމުން ޙިމާޔަތްކުރުމުގައި އިސްލާމީ ޤައުމުތަކަށް ވެސް އަދި އދ. އަށް ވެސް ކުރެވުނު މާބޮޑުކަމެއްނެތެވެ.
މިޔަންމާގެ ހަރުކަށި ބުޑިސްޓުންއެޤައުމުގެ ރޮހިންގްޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށްހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރޭގައި ޤަތްލުއާންމުތައްހިންގުމާއި ގެދޮރުގައި ހުޅުޖެހުމާއި މުސްލިމުން ވަޒަނުން ބޭރުކުރުމާއި މުދައުފޭރުމާއި އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުން ފަދަ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިމެނޭ ޚަބަރު ލިބެ އެވެ. އޯއައިސީ ން އިއްޔެ ބުނެފައި ވަނީ މިޔަންމާގެ ބުޑިސްޓުންގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ރެފިއުޖީންނަށް ވެފައިވާ ރޮހިންގްޔާ މުސްލިމުން ނަށް އިންސާނީ އެހީ ފޯރުކޯށް ދިނުމުގެ މަސައްކަތް އެޖަމާއަތުން ކުރިޔަށް ގެންދާ ކަމުގަ އެވެ. (އަލްޖަޒީރާ)