04 Nov 2012, 20:32
ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބްތައް ތައާރަފްކުރުމަށް ޓްރެއިނިން ފޯ ޓްރެއިނާސް (ޓީއޯޓީ)ގެ ނަމުގައި ޓީޗާސް ރިސޯސް ސެންޓަރު (ޓީއާރްސީ)ތަކުގެ ކޯޑިނޭޓަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ހިއުޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން ފަށައިފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ބުނީ ފަސް ދުވަހަށް ދެމިގެންދާ އެ ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެެވެ. އެ ތަމްރީން ޕްރޮގްރާމް ހިންގުމުގެ މަގުސަދަކީ ޓީއާރްސީ ކޯޑިނޭޓަރުން މެދުވެރިކޮށް ރާއްޖޭގެ ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބްތައް ތައާރަފްކުރުމަށް ބޭނުންވާ ފަންނީ ޓީޗަރުން ތައްޔާރުކުރުން ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.
ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކުލަބްތަކެއް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ސްކޫލް ކުދިން އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުވާ އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ސަގާފަތެއް ދިރުވައި އާލާކުރުން ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އެ ކްލަބްތައް މެދުވެރިކޮށް ކުދިންނަށް ލިބޭނެ މައުލޫމާތުތަކުގެ ތެރޭގައި ކިޔަވާ ކުދިންނަށް ލިބިގެންވާ ހައްގުތަކަކީ ކޮބައިކަމާއި ޒިންމާތަކަކީ ކޮބައިކަމާއި ދިރިއުޅުމުގައި ހައްގުތަކާއި ޒިންމާތައް ބޭނުންކުރާނެގޮތާއި އަދި ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، މުއާމަލާތް ކުރާނެ ގޮތް ހިމެނޭ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.