04 Nov 2012, 20:08
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގެ ތަހުގީގު ނިންމައި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނާއިބް ރައީސް ޑރ. އަބްދުﷲ ވަހީދު މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަތީފްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އެ ކޮމިޝަނަށް ހުށަހެޅީ ގައުމީ ޕާޓީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް އަތީފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ މައްސަލަ މި ކޮމިޝަނަށް ހުށަހަޅާފައި ވަނީ ގައުމީ ޕާޓީގެ ފަރާތުން،" ޑރ. ވަހީދު ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި ތިން ފަހަރެއްގެ މަތިން ޑރ. ޖަމީލް ހައްޔަރުކޮށްފައިވެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އޭނާ ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ކޯޓުން ނިންމާފައި ވަނީ ޖަމީލު ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ.
އެންމެ ފަހުން ޖަމީލު ހައްޔަރު ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު 18 ވަނަ ދުވަހުގެ ރޭ 8:30ގަ އެވެ. ޖަމީލު ހައްޔަރު ކުރުމާ ގުޅިގެން އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ވެސްކޮށްފަ އެވެ.