04 Nov 2012, 20:01
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމުގެގޮތުން މަދަނީ އިއްތިހާދުން މިހާރު ކުރިއަށްގެންދާ ހަރަކާތްތަކުގެތެރެއިން ޖީއެމްއާރް އަތުލުމަށް އެދި ރައީސް އަށް ޕެޓިޝަނެއް ހުޅުވުމުގެގޮތުން މަސައްކަތްފަށައިފި އެވެ.
މަދަނީ އިއްތިހާދުގެ ހަތް ޕާޓިން ގުޅިގެން މިއަދު ހަވީރު އާޓިފިޝަލް ބީޒްގައި ޕެޓިޝަނުގައި ސޮއިކުރުމަށް ފަށާފައިވާ އިރު އެ ޕާޓީތަކުގެ އިސްފަރާތްތަކުން ވެސް ވަނީ އެތަނަށް ގޮސް ޕެޓީޝަނުގައި ސޮއިކޮށްފަ އެވެ. އަދި ކުރިއާލާ އިއުލާންކޮށްގެން އެ ހަރަކާތް މިއަދު ކުރިއަށްގެންދިޔަ ނަމަވެސް ބައިވެރިވެފައި ވަނީ ވަރަށް މަދުބަޔެކެވެ.
އާޓްފިޝަލް ބީޒްގައި ހުންނަވައިގެން މީޑިއާއާ ވާހަކަ ދައްކަވަމުން މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަދި މިހާރުގެ ހޯމް މިނިސްޓުރީގެ ސްޓޭޓް މިނިސްޓާ އަބުދުﷲ މުހައްމަދު ވިދާޅުވީ ޓާގެޓަކީ ކުރިއަށްއޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި އެއްލައްކަ މީހުންގެ ސޮޔާ އެކު އެ ޕެޓީޝަން ރައީސަށް ހުށައެޅުން ކަމަށެވެ. އަދި އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތްތައް މާލޭގެ އެކި ހިސާބުތަކުގަޔާއި އަތޮޅުތެރޭ ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"މާދަމާ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެއާޕޯޓްސް ކޮމްޕެނީ ގެ ބޯޑާ ބައްދަލުކުރުމާއި އޭސީސީ އާއި ބައްދަލުކުރުމަށް ވެސް އަޅުގަނޑުމެން މަސައްކަތްކުރާނަން އަދި އޭގެ އިތުރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ވެސް އަޅުގަނޑުމެން ބައްދަލުކުރަން އެބަމަސައްކަތްކުރަން،" އަބުދުﷲ މުހައްމަދު ވިދާޅުވި އެވެ.
އެއާޕޯޓް ޖީއެމްއާރް އަތުލުމުގެ މަސައްކަތަށް ކިހާވަރެއްގެ ކުރިއެރުމެއް ލިބިފައިވޭތޯ ސަން އިން ސުވާލުކުރުމުން އަބުދުﷲ މުހައްމަދު ވިދާޅުވީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެގޮތުން ދިވެހި ރައްޔިތުންގެ ސަމާލުކަން އެކަމަށްހޯދައި އެ މައްސަލަގައި ވަކިގޮތެއް ނިންމުމަށް މިއަދު ސަރުކާރަށް ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހަފްތާތެރޭގައި ވެސް ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޖީއެމްއާރްގެ އަތުން އެއާޕޮޓް އަތުލުމަށް ސަރުކާރާ ގުޅިފައިވާ އިއްތިހާދުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ޖީއެމްއާރްގެ އަތުން އެއާޕޯޓް އަތުލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެކަން ޕާޓީތަކުން ވަނީ އިއުލާން ވެސްކޮށްފަ އެވެ.