04 Nov 2012, 19:49
ރާއްޖެ އަށް ކުރަމުންމުންދާ ވިއްސާރައިގައި ޑެންގީ ހުންފެތުރިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި އެކަމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ތައްޔާރުވެ ތިބުމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިސީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ގޮވާލައިފި އެވެ.
ވިއްސާރާގައި ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވެ ސިއްހީގޮތުން ދިމާވެދާނެ ނުރައްކަލާ ބެހޭ ގޮތުން މިއަދު ސްޓެލްކޯގެ ސެމިނާ ރޫމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީސީއެޗްޑީސީގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒުލާ ރަފީގު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ފެންބޮޑުވެފައިވާ އިރު ޑެންގީ ހުމަކީ ޚާއްސަ ގޮތެއްގައި ވިއްސާރަ މޫސުމުގައި ފެތުރޭ ބައްޔެއްކަމުން އެންމެން ވެސް އެކަމަށް ވަރަށް ބޮޑަށް ސަމަލުވާން ޖެހިފައިވާ ކަމަށެވެ. މިހާރު ވެސް މަދުމަދުން ޑެންގީ ކޭސްތައް ރިޕޯޓު ކުރަމުން އެބަދާ ކަމަށާއި ނަމަވެސް ރޯގާއެއްގެ ގޮތުގައި އެބަލި އަދި ފެތުރެމުންދާ ކަމަށް ފާހަގަ ކުރެވިފައި ނެތް ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
"ވިއްސާރަ މޫސުމަކީ އާއްމުކޮށް ޑެންގީ ހުން ފެތުރޭ ދުވަސްވަރު. އެހެންވީމާ މިކަމަށް ސަމާލުވެ ގޯތިތެރޭގައި ވެސް ފެން ހަރުލާ ގޮތަށް އެއްޗެތި ނުބެހެއްޓުން އެދެން. އަޅުގަނޑުމެންނަށް މިހާރު ވެސް މަދުމަދުން ޑެންގީ ކޭސްތައް އެބައާދޭ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތުން ފެށިގެން އަޅުގަނޑުމެން އެކަމަށް ސަމާލުވެ ތިބެއްޖެ ނަމަ ރޯގާއެއްގެ ގޮތުގައި މުޅި ރާއްޖެ އަށް އެބަލި ފެތުރުނަ ނުދީ ސަލާމަތް ކުރެވިދާނެ ކަމަށެވެ. މިހާތަނަށް ޑެންގީ ހުން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫސިޓީ ހިމެނޭ ކަމަށާއި ނަމަވެސް ކިހާ އަދަދެއްގެ ކޭސްތަކެއްކަން މިވަގުތު ދަންނަވަން ދަތި ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި ފެތުރެމުން މިދާ ވައިރަލް ހުމާއި އަރިދަފުސް ރޯގާއާ ބެހޭ ގޮތުން މެޑިކަލް އޮފިސަރު ނަޒުލާ ވިދާޅުވީ އެ ދެ ރޯގާއަކީ މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ފެތުރެމުންދާ ބަލިތަކެއް ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް ވިއްސާރައިގެ ކުރިން ވެސް އެ ބަލިތައް ރާއްޖޭގައި ފެތުރެން ފަށާފައިވާ ކަމަށެވެ. ނަޒުލާ ވިދާޅުވީ ވިއްސާރައާ ވައިރަލް ފީވާ އަދި އަރިދަފުސް ރޯގާއާ ގުޅުވެން ނެތް ކަމަށެވެ. ނަމަވެސް ރަށްރަށުގައި ފެންބޮޑުވެ ނަރުދަމާތައް ފުރިގެން ރަށުތެރެ އަށް ނަޖިސް ބޭރުވަމުން ދާތި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރިދާނެތީ އެކަމަށް ދަމާލުވެ ތިބުމަށް އެ ސެންޓަރުން އިސްތިމާސް ކުރާ ކަމަށެވެ.
"ރާއްޖެ އަށް ވިއްސާރަ ކުރަން ފެށުމުގެ ކުރިން ވެސް ވައިރަލް ފީވާ އަދި އަރިދަފުސް ރޯގާ ދިޔައީ ފެތުރެމުން. ނަމަވެސް ރަށްރަށުގެ ނަރުދަމާތައް ފުރި ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާތި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރިދާނެ ކަމަށް ސަމާލުވާން ޖެހޭ،" ނަޒުލާ ވިދާޅުވި އެވެ.
ވިއްސާރައިގެ ސަބަބުން 24 ރަށެއްގައި ފެންބޮޑުވެ ގެއްލުންތައް ލިބިފައިވާ އިރު އޭގެ ތެރެއިން ނުވަ ރަށެއްގެ ނަރުދަމާގެ ނިޒާމު އެއްކޮށް ހަލާކުވެ ނަޖިހުގެ އަސަރު ރަށުތެރެއަށް ފެތުރިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން މީގެ ކުރިން ވެސް ވަނީ އިންޒާރުދީފަ އެވެ.