04 Nov 2012, 17:09
އޭޑީކޭ ސްޓާފުންގެ މެދުގައި ކުޅެވުނު "ދޮންކަލޭފާނު ކަޕް" ފުޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބްލަޑް ސޮކާ ޓީމުން ހޯދައިފި އެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ އެފްސީ ހީވެސް ނުވެ ޓީމުން ނެވެ.
"ދޮންކަލޭފާން ކަޕް" ފުޓްބޯޅަ މުބަރާތަކީ އޭޑީކޭ ނާސިދު ބައްޕާފުޅު، އަބްދުއްރަހްމާން ދޮންކަލޭ ފާނުގެ ނަމުގައި ކޮންމެ އަހަރަކު ވެސް އެކުންފުނިން ބާއްވަމުން އަންނަ މުބާރާތެކެވެ.
ހެންވޭރުކޮޅުގައި އޮން "ޕީކޭ" ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމުބާރާތުގެ އަންހެން ބައިގެ ޗެޕްޕިއަންކަން ބްލަޑް ސްކާ ޓީމުން ހޯދީ ފައިނަލުގައި މަލާލާ ޓީމާ ވާދަކޮށް 1-0 މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި ފިރިހެން ޗެމްޕިއަންކަށް އެފްސީ ހީވެސް ނުވެ ޓީމުން ހޯދީ ފައިނަލުގައި ބީއެންބީ ޓީމާ ވާދަކޮށް 5-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ހުސް އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސްޓާފުންގެ 150 އެއްހާ ކުޅުންތެރިން ބައިވެރިވި މިމުބާރާތުގައި އަންހެން ޖުމްލަ ހަޓީމް ވާދަކުރި އިރު، ފިރިހެން އަށް ޓީމް ވާދަކުރި އެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޭޑީކޭ ކޮންޕެނީގެ މާކެޓިން މެނޭޖާ މުހައްމަދު ޖިނާން ވިދާޅުވީ، މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސްޓާފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުންތައް ބަދަހި ކުރުމަށް ބޭއްވި މުބާރާތެއް ކަމަށާއި މަސައްކަތުގެ މާހައުލްގައި ބުރަކޮށް އުޅޭ ހުރިހާ މުއައްޒަފުންނަށް ބްރޭކެއް ދީ މަޖާ ކޮށްލުމުގެ ގޮތުން ބޭއްވި މުބާރާތެއް ކަމަށެވެ.
"މުބާރާތުގައި ބައިވެރި ހުރިހާ ކުޅުންތެރިންނަކީ ވެސް އޭޑީކޭގެ ސްޓާފުން. މުބާރާތް ވަރަށް ފުރިހަމަކަމާ އެކު ނިންމާލެވިއްޖެ. މިމުބާރާތުގެ ސަބަބުން ސްޓާފުންގެ އެކުވެރިކަން އާލާވެއްޖެ ކަމަށް ގަބޫލް ކުރަން" ޖިނާން ވިދާޅުވި އެވެ.
އޭޑީކޭ ނާސިދުގެ ބައްޕާފުޅު އަބްދުލްރަހްމާން ދޮންކަލޭ ފާނު ވިދާޅުވި މުބާރާތުގެ ސަބަބުން އޭޑީކޭގައި މަސައްކަތް ކުރާ މުއައްޒަފުންގެ މެދުގައި އިތުރަށް އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.
"އަޅުގަނޑުގެ ނަމުގައި ހިނގަމުންދާ ފުޓްބޯޅަ މުބާރާތުގެ ހުރިހާ ބައިވެރިންނާއި އޮފިޝަލިންނަށް ހޫނު މަރުހަބާއެއް ދަންނަވަން. އަޅުގަނޑު ޔަގީން ކުރަން މި މުބާރާތުގެ ސަބަބުން އޭޑީކޭ ގައި މަސައްކަތް ކުރާ މުއައްޒަފުންގެ މެދުގައި އިތުރަށް އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށް. އަޅުގަނޑު އެދެނީ ހުރިހާ ހީވާގި މުއައްޒަފުންނާއި އޭޑިކޭ އަށް އިތުރު ކުރިއެރުމާއި ބާއްޖަވެރިކަން މާތްﷲ މިންވަރު ކުރެއްވުން،" ނާސިދުގެ ބައްޕާފުޅު އަބްދުއްރަހްމާން ވިދާޅުވި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމްތަކާއި، މޮޅު ކުޅުންތެރިން އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަށް ރޭ ޕީކޭ ދަނޑުގައި ބޭއްވި ހަފްލާއެއްގައި އޭޑީކޭ ކުންފުނިތަކުގެ ވެރިން ވަނީ ޓްރޮފީ އެވޯޑް އަދި ފައިސާގެ އިނާމްތައް ދެއްވާފަ އެވެ. ފޯރިގަދަ މި މުބާރާތް ހިނގަމުން ދިޔަ އިރު ބޮޑުބެރު ގެ ތަފާތު ހަރަކާތްތައް ކުރިޔަށް ދިޔަ އެވެ.