04 Nov 2012, 17:04
ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތް މަޑުޖައްސާލަން ހުޅުމާލެ ކޯޓުން ނެރުނު އަމުރާ އެކު އެ ކޯޓަށް އެހެން މައްސަލައެއްވެސް ބެލިގެން ނުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެދިވަޑައިގަތް ގޮތަށް ހައިކޯޓުން މިއަދު އަމުރު ނެރެފައިވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އިޖުރާއީ މައްސަލަތައް އެ ކޯޓުގައި ނިމެންދެން ހުޅުމާލޭ ކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ ޝަރީއަތްތައް މެދުކަނޑާލުމަށެވެ.
އެ އަމުރާ ގުޅިގެން ބަންޑާރަ ނައިބު އާޒިމާ ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ނަޝީދުގެ ޝަރީއަތް މެދުކަނޑާލުމަށް ކުރި އަމުރުގައި އެ ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ އޭގެ ސަބަބުން އެ މައްސަލައިގައި ނަޝީދަށް އިންސާފު ނުލިބިދާނެކަން އަމުރުގައި ބުނެފައިވާ ކަމަށާއި އެ ކޯޓުގެ ސައްހަ ކަމާ މެދު ސުވާލުއުފެދިގެން އެއްވެސް މައްސަލަ އެއް ހުއްޓާލައިފިނަމަ ހުޅުމާލެ ކޯޓުން ބަލަމުން އަންނަ އެހެން ހުރިހާ މައްސަލަތައްވެސް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ކުރިއަށް ގެންގޮސްފިނަމަ ނަޝީދެކޭ އެއްފަދައިން އެހެން މީހުންނަށްވެސް އިންސާފު ނުލިބިދާނެ ކަމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެހެންވެ އަޅުގަނޑުގެ އޮޕީނިއަންއަކަށް މި ވަނީ އެންމެންނާއި މެދު ހަމަހަމަވާ ގޮތަށޭ ކަންކުރަންވާނީ. ނަޝީދުގެ ޝަރީއަތް ނުގެންދެވޭ ގޮތަށް އޮތް އިރު ހަމަ އޭގެ ސަބަބުން އެހެން ޝަރީއަތްތައްވެސް ކުރިއަށް ގެންގޮސްފިނަމަ އެހެން މީހުންގެ ހައްގުތައްވެސް ގެއްލިގެން ހިނގައިދާނެ. އެހެންވީމައި އަޅުގަނޑަށް ގަބޫލުކުރެވެނީ އެހެން އެއްވެސް މައްސަލައެއް އެ ކޯޓުގައި ކުރިއަކަށް ނުގެންދެވޭނޭ،" އާޒިމާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލާވެސް މިއަދު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ރައީސް ނަޝީދުގެ ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ނެރޭނަމަ އިންސާފަކީ އެ ކޯޓުން ބަލަމުންދާ ހުރިހާ މައްސަލަތައްވެސް މެދުކަނޑާލުން ކަމަށެވެ.
ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނަނީ ހައިކޯޓުގައި ނަޝީދު އިސްތިއުނާފު ކުރައްވާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ، އޭނާއަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެއް ކަށަވަރު ނުކުރެވި އެކަމުގެ ސަބަބުން ނަޝީދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
އެ އަމުރާ ގުޅިގެން ހުޅުމާލެ ކޯޓުން މިހާރު ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ހުރިހާ ޝަރީއަތެއްވެސް މެދުކަނޑާލައިފަ އެވެ.
ނަޝީދުގެ ގާނޫނީ ޓީމުންވެސް މިއަދު ބުނެފައިވަނީ މިދަނޑިވަޅުގައި އެ ކޯޓުގައި އެހެން ޝަރީއަތްތައް ހިންގުމަކީ "އިންސާފު ވެރިގޮތަކަށް ނުވާނެ" ކަމަށެވެ. ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންވަ ހިސާން ހުސެއިން މިއަދު ވިދާޅުވީ ހުޅުމާލެ ކޯޓުގެ ސައްހަ ކަމާއިމެދު ސުވާލު އުފެއްދުމާއި ގުޅިގެން އެ ކޯޓާއިމެދު ވަކި ގޮތެއް ނިންމުމާއި ހަމައަށް ނަޝީދުގެ މައްސަލަ ހުއްޓާލާފައި އޮންނަ ނަމަ އެހެން މައްސަލަތައްވެސް އެ ކޯޓުން ހިންގުމަކީ އަދުލްވެރި ގޮތަކަށް ނުވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުޅުމާލެ ކޯޓުގެ ސައްހަކަމާއިމެދު ސުވާލު އުފައްދާ އޭގެ ސައްހަކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް އެހެން މައްސަލަތައް ހިންގުމަކީ އެންމެ އަދުލުވެރި ސައްހަ ގޮތަކަށް ނުވާނެ،" ހިސާން ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އަމިއްލަ ފަރާތަކުން މީގެ އަހަރެއްހާ ދުވަސް ކުރިން ހުށަހަޅާފައިވާ މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އަނެއްކާ ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.