04 Nov 2012, 15:23
އައްޑޫ ސިޓީ ގަން އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ހޯލްޑިންގްސް އަށް ވިއްކަން ނިންމާ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެފައި ވަނިކޮށް އެ އެއްބަސްވުމުގައި ސޮއިކުރުން މަޑު ޖައްސާލުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
އައްޑޫ އެއާޕޯޓްސް ހިންގުމަށް ހަނދާފައިވާ ކުންފުނީގައި ބޮޑު ހިއްސާއެއް އޮންނަ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހިއްސާ ވިއްކުމުގެ ހުރިހާ ކަމެއް ނިންމައި އެކަމުގެ ހުއްދައަކަށް އެދުމުން ފިނޭންސުން ސިޓީ ފޮނުވާފައި ވަނީ ޕަބްލިކް އެންޓަޕްރައިސަސް އެންޑް މޮނީޓަރިން އިވެލުއޭޝަން ބޯޑް (ޕެމެބް)އިން ގޮތެއް ނިންމަންދެން އެކަން އިހަށް މަޑުޖައްސާލަން ކަމަށެވެ.
"ޕެމެބްއިން ގޮތެއް ނިންމީމާ ކުރިއަށް ދާންވީ. އެއީ ޕްރޮސީޖަރަލްކޮށް އެކަން ކުރަން ވެގެން ފިނޭންސުން އެގޮތަށް އަޅުގަނޑުމެންނަށް ސިޓީ ފޮނުވީ. އެކަން އެގޮތަށް ކުރިއަށް ގެންދަން އަޅުގަނޑުމެން ވެސް އެކަން މި މަޑުޖައްސާލީ،" ޝާހިދު ވިދާޅުވި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިތުރުން އެސްޓީއޯ ގުޅިގެން އުފައްދާފައިވާ، އައްޑޫ އެއާޕޯޓް ޑިވަލޮޕްމަންޓް ކޮންސޯޓިއަމްގެ ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މެލޭޝިޔާގެ ކުންފުންޏަކާއި މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ކާސާ ހޯލްޑިންގްސްއިންނެވެ.
އެ ޕްރޮޖެކްޓްގެ ދަށުން މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަންޓް ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރަންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކޮށް، އެއާޕޯޓް ތަރައްގީ ކުރުމަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެސްޓިމޭޓްކޮށްފައިވެ އެވެ.
އެ މަޝްރޫއު ހިންގުމަށް އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ކުންފުނިން 30 ޕަސެންޓް ހިއްސާ ވިއްކުމަށް ހުޅުވާލީ 200 މިލިންއަން ރުފިޔާގެ އިކްއިޓީއެއް ފުރަތަމަ ރެއިސް ކުރުމަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ ކުންފުންޏާ ގަން އެއާޕޯޓް ހަވާލުކޮށްފައިވަނީ 50 އަހަރަށެވެ.
ގަން އެއާޕޯޓް ތަރައްގީކުރާ ކުންފުނީގެ ހިއްސާ ކާސާ ހޮލްޑިން ގަންނަން އުޅޭ ވާހަކަތަކާ ގުޅިގެން ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޗަންޕާ އަފީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.