04 Nov 2012, 14:30
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 2000 މީހުންނަށްވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލާފައިވާނެކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހުﷲ މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގުރޭޝަނުން ގުޅިގެން ކުރަމުން އަންނަ މަސައްކަތް ވަރަށް ބާރަށް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާތަނަށް 2000 މީހުންނަށް ވުރެ ގިނަ މީހުން އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
"އެމީހުން ފޮނުވާލުމުގެ މަސައްކަތް މިހާރުވެސް މިދަނީ ކުރަމުން، އެމީހުން ފޮނުވާލަނީ ސަރުކާރުގެ ހަރަދަކު ނޫން، އެމީހުން އަންނަ އިރު ބަހައްޓާފަ ހުންނަ ޑިޕޮސިޓް ފައިސާއިން އެމީހުން މި ފޮނުވާލަނީ" ފަތުހުﷲ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން މިހާރުވެސް ގިނަ ބަޔަކު ފޮނުވާ ނުލެވި އިމިގުރޭޝަންގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި އެމީހުން ފޮނުވާ ނުލެވެނީ ބޭނުން ޑޮކިއުމަންޓްތައް ނުލިބިގެން ކަމަށެވެ.
ބިދޭސީން ފޮނުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ނަމަވެސް ހައްލު ނުލިބިފައިވާ ބޮޑު މައްސަލައެކެވެ. އަދި އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުންގެ ގައުމަށް ފޮނުވާލަން އެހީވުމުގެ ގޮތުން އިމިގްރޭޝަން އާއި އައިލޭންޑް އެވިއޭޝަނާއި ދެމެދު ވަނީ މިދިޔަ މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.