ސ. ފޭދޫގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ވިހެއި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ނަމަވެސް އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު 11 އަހަރުގެ ކުއްޖާ ވިހެއި ތުއްތު އަންހެން ކުއްޖާ ވަނީ މަރުވެފަ އެވެ. އެކުއްޖާ ވިހާފައި ވަނީ ބަނޑަށް ހަތް މަހުގަ އެވެ.

ފޭދޫ ސްކޫލްގައި ކިޔަވަމުން އަންނަ އެ ކުއްޖާ ބަލިވެ އިނީ ގަދަކަމުން ބަޔަކު އެ ކުއްޖާއާ "ބެހިގެން" ކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް ފޭދޫ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެ އަންހެން ކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.