04 Nov 2012, 14:06
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ވިދާލާނެ އެއް ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް ރޮބިން ވެންޕާސީ ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާސެނަލްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު، 24 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ޔުނައިޓެޑަށް ބަދަލުވި ފަހުން ޕްރިމިއާ ލީގުގައި ވެންޕާސީ ވަނީ މިހާތަނަށް އޭނާ ޔުނައިޓެޑަށް އަށް ގޯލް ކާމިޔާބު ކޮށްދީ، ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ގޮތުގައި ހިމެނިފަ އެވެ.
އުމުރުން 29 އަހަރުގެ ފޯވާޑް، ޔުނައިޓެޑަށް ބަދަލުވި ފަހުން، އޭނާގެ ހަޔާތުގައި ރޭ އާސެނަލްއާ ދެކޮލަށް ކުޅުނު މެޗު ވެގެން ގޮސްފައި ވަނީ ވެންޕާސީގެ ފުޓްބޯޅަ ކެރިއާއަށް އާ ބޮޑު އުފަލެއްގެ ގޮތުގައި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ރޭ މެޗަށް ފަހު ވެންޕާސީ ބުނެފައި ވަނީ، ކުރީގެ ކުލަބާ ދެކޮލަށް ކުޅެ މެޗު ފެށިތަނާހެން ގޯލެއް ޖެހުމުން އުފާވި ކަމަށާއި ނަމަވެސް އެގޯލް އެންމެ ހަގުވާނީ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ކަމަށެވެ. އަދި ޔުނައިޓެޑަށް ބަދަލުވީ ޓީމާއެކު ރަނގަޅު ވަނަތައް ހޯދުމުގެ އަޒުމުގައި ކަމަށް ވެސް ވެންޕާސީ ބުނެފައިވެ އެވެ.
ޔުނައިޓެޑް ރޭ އާސެނަލް އަތުން 2-1 ލަނޑުން މޮޅުވެ، ލީގް ތާވަލްގެ އެއްވަނަ މަގާމް ދިފާއު ކުރިއިރު، އެޓީމްގެ ކޯޗް އެލެކްސް ފާގަސަން ވަނީ ވެންޕާސީ ޔުނައިޓެޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފްކޮށްފަ އެވެ. އެގޮތުން ރޭ އާސެނަލްއާ ދެކޮލަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޔުނައިޓެޑަށް ހިނިތުންވުން ގެނެސްދިން ކުޅުންތެރިއަކީ ވެސް ވެންޕާސީ ކަމަށް ފާގަސަން ބުންޏެވެ.
ވެންޕާސީ އަކީ މިދިޔަ ސީޒަންގެ ޕްރެމިއާ ލީގުގެ ރަންބޫޓް ހޯދި ކުޅުންތެރިޔާ އެވެ. އެހެން ކަމުން އެމަގާމް އޭނާ މިފަހަރު ޔުނައިޓެޑްގައި ހުރިގެން ހޯދުން ވަރަށް ގާތް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.