ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރާންޗެއް މާލޭގައި ހުޅުވުމަށް ނިންމައިފި އެވެ. އެއާ އެކު މާލޭގައި ހުންނަ ބޭންކްގެ ބްރާޗްތަކުގެ އަދަދު ހަތަރަކަށް އުފުލޭނެ އެވެ.

އެ ބޭންކްގެ، ޕަބްލިކް ރިލޭޝަން މެނޭޖާ ހުސެއިން ރަޝީދު މިއަދު ވިދާޅުވީ އެ ބޭންކުން އަލަށް ހުޅުވާ ބްރާންޗް ހުންނާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި ކަމަށާއި އެ ބްރާންޗް ހާއްސަކޮށްފައި ހުންނާނީ ޕާޒަނަލް ބޭންކިން ހިދުމަތަށް އެކަނި ކަމަށެވެ. އެގޮތުން އެ ބްރާންޗް މެދުވެރިކޮށް ފައިސާ ނެގޭނީ އެކައުންޓްގެ ވެރިފަރާތަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބްރާންޗްގެ މައިގަނޑު މަސައްކަތް ނިމި މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައި،" ހުސެއިން ވިދާޅުވި އެވެ.

މާލޭގެ ތިން ސަރަހައްދެއްގައި ބީއެމްއެލްގެ ބްރާންޗްތައް މިހާރު ވެސް ހުރެ އެވެ. އެއީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކްގެ މައި އޮފީހާއި ބާޒާރު ބްރާންޗާއި އަދި މަޖީދީ މަގު ބްރާންޗެވެ.

އޭނާ ވިދާޅުވީ އާ ބްރާންޗް ހުޅުވުމާއި އެކު މިހާރު ހުރި ބްރާންޗްތަކަށް ބާރުކުޑަވެ ހިދުމަތްހޯދާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިހާރު ހުރި ބްރާންޗްތަކެކޭ ވެސް އެއްގޮތަށް އަލަށް ހުޅުވޭ ބްރާންޗުން ވެސް 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ހުސެއިން ވިދާޅުވި އެވެ.

ބީއެމްއެލްއިން މިހާރު ނިންމާފައިވަނީ އިތުރު 19 އޭޓީއެމްއެއް ބަހައްޓާ އެ ބޭންކުގެ ހިދުމަތް އިތުރަށްފުޅާ ކުރުމަށެވެ.