ހުޅުމާލޭ ކޯޓުގެ ސައްޚަކަމާ މެދު ސުވާލު އުފައްދައި އަމިއްލަ ފަރާތަކުން މީގެ އަހަރެއްހާ ދުވަސް ކުރިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްޚަ ކަމާއި މެދު ސުވާލު އުފައްދައި މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް އެވެ.

ވިޝާމް އެ މައްސަލަ ހުށަހެޅުމުން، އެއީ ކޯޓެއްގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ ބެލޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ދެކޭކަމަށް ބުނެ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ސިޓީއެެއް ފޮނުވާފަ އެވެ.

ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުން ހަދާފައިވާ މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލު ކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން ފޮނުވި އެ ސިޓީގައި، ވިޝާމް ހުށަހެޅުއްވި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ދިނުމަށް ވެސް ޖޭއެސްސީން އެދުނެވެ. ނަމަވެސް މިއަދާއި ހަމަޔަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައެއް ނުވެއެވެ.

ޖޭއެސްސީގެ އެ ސިޓީއާ ގުޅިގެން ސިވިލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އައިޝާ ޝުޖޫން މުހައްމަދަށް އެޑްރެސް ކުރައްވައި ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ވަކިގޮތެއް އަންގަންދެން އެ މައްސަލައާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ ސިޓީއެއް ފޮނުވާފަ އެވެ.

ރައީސް ނަޝީދު އިސްތިއުނާފު ކުރެއްވި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖޭއެސްސީގެ ވަކީލު ވިދާޅުވީ ހުޅުމާޅޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ސިވިލް ކޯޓަށް ވިޝާމް ހުށަހެޅުއްވި އެ މައްސަލަ ބަލައި ދިނުމަށް މިއަދު ހެނދުނުގެ ވަގުތެއްގައި އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާނެ ކަމަށެވެ. ނަމަވެސް ޖޭއެސްސީގެ އެ ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ޖަވާބެއް އަދި ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.