ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އެނބުރި މާލެ އަންނަ ފަށައިފި އެވެ.

މިއަދު ހެނދު ފުރަތަމަ މާލެ އައިސްފައި ވަނީ "ކްލެސިކް" ހައްޖު ގުރޫޕާއި "އަލްހައިރު" ޖަމާއަތުގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔަ 246 މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހައްޖުވެރިން މާލެ އަންނަމުން ދާނެ ކަމަށެވެ. އެގޮތުން "އަލްމަނާސިކް" ހައްޖު ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 56 މީހެއް މާދަމާ މެންދުރު ފަހު މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖަށް ދިޔަ މީހުންގެ އާއިލާތަކަށް ހުޅެލެއަށް ދިއުމާއި އައުމުން އިސްލާމިކް މިނިސްޓްރީން ވަނީ ހިލޭ ހަމަ ޖައްސަދީފަ އެވެ.

މިއަހަރު ރާއްޖެއިން ހަ ޖަމާއަތެއްގެ ހަވާލުގައި މުޅިއެކު 1000 މީހުން ހައްޖަށް ގޮސްފައިވެ އެވެ. ރާއްޖެއިން ހައްޖަށް ދިޔަ މީހުން މާލެ އައިސް ނިމޭނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓީން ބުނެ އެވެ.