16 Sep 2010, 09:35
ތެދެކެވެ. އެހެން ދައުރުތަކަށް ވުރެ، ރައްޔިތުންގެ މަޖިލީހުގެ ނިމުނު ދައުރުގައި ފާސްކުރި ބިލްތަކާއި މައްސަލަތައް ގިނަ ވެދާނެ އެވެ. އެއްވެސް މީހަކު އެކަމާ ދެބަސްވާނެ ހެނެއް ހިއެއް ނުވެ އެވެ. އެކަމުގެ ތަފުސީލަށް ކޮންމެހެން ނުދިއަސް އެއީ ފެންނަން އޮތް ހަގީގަތެކެވެ. ނަމަވެސް އަޅުގަނޑުގެ މައްސަލައެއް އެބައޮތެވެ؛ އެއީ އެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި އެމްޑީޕީ އާއި ޑީއާރުޕީގެ ކޯޅުންތަކަށް ފަހު މަޖިލީސް ޗުއްޓީ ނެގި ގޮތެވެ. ރަނގަޅެވެ. އެރޭ ދަންވަރު ޖަލްސާ މެދު ކަނޑާލީ، ޝަރުއީ ކޯޓްތަކުގެ ބިލަށް ޑީއާރުޕީން ހުށަހެޅި އިސްލާހެއް ފާސްކުރުމުންނެވެ. އެ އިސްލާހަކީ ރަނގަޅު އިސްލާހެއްތޯ ނުވަތަ ނޫންތޯ ބަހުސު ކުރުމުގެ ޖާގައެއް ނެތެވެ. ސަބަބަކީ ކޮންމެ ކަމެއްގެ ވެސް ދެކޮޅު އޮންނަ އުސޫލުން އެކަމުގައި ވެސް ދެކޮޅު އޮންނާނެތީ އެވެ.
ނަމަވެސް އެމްޑީޕީގެ 'ގޭމްގައި' ޖެހި ނޫނީ އަނެއް ދުވަހު މެންބަރުންނަށް ޗުއްޓީ ދެއްވުމުން މި ފައިދާވީ ކޮންބަޔަކަށްތޯ އެވެ؟ ޝައްކެއް ނެތެވެ؛ އެމްޑީޕީއަށެވެ. އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. ސަބަބުތައް ގިނަ އެވެ. ފުރަތަމަ ކަމަކީ ވަޒީރުންނަށް ރުހުން ނުދިނަސް، މަގާމުގައި ދެމިތިބުމުގެ ފުރުސަތު އެ ބޭފުޅުންނަށް ތަނަވަސްވުމެވެ. ދެވަނަ ކަމަކީ ހިއުމަން ރައިޓް ކޮމިޝަނަށް ރިއާސަތު ކަނޑަނޭޅި ދިގު ދެމުމުން ވެސް، އެ ކޮމިޝަނުގެ މަސައްކަތަށް ހުރަސް އެޅޭވަރަކަށް ފައިދާ ވަނީ ސަރުކާރަށެވެ؛ އެ ކޮމިޝަނަކީ ވެސް މައިގަނޑު ގޮތެއްގައި ސަރުކާރަށް ފާރަވެރިވުމާއި ވޮޗު ޑޯގެއްގެ ބައި އަދާކުރާނެ ތަނަކަށްވެފައި ކޮމިޝަނަކީ ދަތް ނެތް ތަނަކަށް ވެއްޖެ ނަމަ އެކަމުގެ ފައިދާ ސަރުކާރަށް ކުރާނެތީ އެވެ. މީހުން ދިރިއުޅޭ ރަށްތައް ކަނޑަނޭޅި ލޯކަލް ކައުންސިލްގެ އިންތިހާބު ލަސްވާވަރަކަށް ވެސް ފައިދާ ވާނީ ސަރުކާރަށް ނުވަތަ އެމްޑީޕީ އަށެވެ.
އެ ވާހަކަތައް ދިގުކުރާކަށް ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ. އަޅުގަނޑުގެ ނުކުތާއަކީ ހަމަ އެންމެ ދުވަހެއް ވެސް މަޑުކުރުމެއް ނެތި ރައްޔިތުންގެ މަޖިލީސް ޗުއްޓީ އަށް ދާންޖެހޭތޯ އެވެ؟ ނުނީ ހަމަ މަސައްކަތް ކުރެވޭ ވަރު އެވަރަށް ގިނައީތޯ އެވެ؟ ނޫނީ ގާނޫނުތައް ހަދައި ފުރިހަމަވެ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްވަރަށް އަޅުގަނޑުމެންގެ ސަރުކާރު ހިންގުމުގެ ނިޒާމުތައް ގާއިމުކޮށް ނިމުނީތޯ އެވެ؟ ހަމަ ޔަގީނުން ވެސް އެހެނެއް ނޫނެވެ. އަހަރަކު ތިން އިންޓަވަލް ނަގައި މަޖިލީހުގެ މެންބަރުންނަށް ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ލިބޭގޮތަށް އޮތުމަކީ ވިސްނާލަން ޖެހޭ ކަމެވެ. ރައްޔިތުންގެ ފައިސާ އިން މަހަކު 62000 ރުފިޔާގެ މުސާރަ ނަންގަވައިގެން އަހަރުގެ ދެބައިކުޅަ އެއްބަޔަކީ ޗުއްޓީ ދުވަސްތަކަށް ހެއްދެވުމަކީ ޒިންމާދާރުކަމެއްތޯ ވިސްނާލަން ޖެހެ އެވެ. ހާއްސަކޮށް، އާ ގާނޫނު އަސާސީއެއް ބަލައިގަނެ، އެ ގާނޫނު އަސާސީއާ އެއްގޮތަށް ކަންކަން ކުރުމަށް ނިޔަތްގަނެގެން އުޅޭއިރު ޒިންމާއެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހެ އެވެ.
އަޅުގަނޑު އަބަދު ވެސް ބުނާ ވާހަކަ އެކެވެ؛ މި ރާއްޖޭގެ ނިސްބަތުން ކިޔަވައިގެން ތިބި މީހުން އަދި އެންމެ 'ވަރުގަދަ' އެހެން ގޮތަކަށް ދަންނަވާ ނަމަ، ސީޒަން ޕޮލިޓީޝަނުން ގިނައިން ތިއްބެވީ ޑީއާރުޕީ އާއި އެ ޕާޓީގެ ކޯލިޝަން ތެރޭގަ އެވެ. އެހެންކަމާ އެކު އެ ބޭފުޅުން ކުރައްވާ ކަންތައްތަކާއި އަޅުއްވާ ފިޔަވަޅުތަކަކީ އެނގިވަޑައިނުގެން ތިއްބަވައި އަޅުއްވާ ފިޔަވަޅުތަކެއް ކަމަކަށް ހަމަ ޔަގީނުން ވެސް އަޅުގަނޑު ގަބޫލެއް ނުކުރުމެވެ. އެއަށް ވުރެ، އެ ބޭފުޅުން ހުޝިޔާރުވެފައި ތޫނުފިލިވާނެ އެވެ. އެއީ ޔަގީން ކަމެކެވެ.
އެ ވާހަކަ ވެސް އެއް ފަރާތަށް ޖައްސާލާށެވެ. އަޅުގަނޑަށް ނޭނގޭ ނުކުތާއަކީ މިއީ އެވެ: ރައީސް ނަޝީދަށް އެ ބޭފުޅުން އެވަރުގެ ދޫދެއްވުމެއް ދެއްވަނީ ކީއްވެތޯ އެވެ؟ ނަމަވެސް ކޮންމެވެސް ކަމަކާ ހުރެ، އެބަ ފަހަތަށް ޖެހެވެ އެވެ. މިހެން ބުނަން ޖެހޭތީ މައާފުކުރައްވާށެވެ. ނަމަވެސް އެއީ އަޅުގަނޑުމެން ފަދަ ދުރުތިބީންނަށް މަންޒަރު ސިފަވާ ގޮތެވެ. އިހުލާސްތެރިންނަކީ ކަމެއްގައި އެ މީހަކަށް ފެންނަ ގޮތް ނޫނީ ހީވާ ހީވުމެއް ސާފުކޮށް ބުނާ މީހުންނެވެ. އެކަން ބަލައިގަންނާނެ ކަމަށް އުންމީދު ކުރަމެވެ.
އަޅުގަނޑު ވެސް ވަން ސުޕްރީމް ކޯޓްގެ އަޑުއެހުމެއްގައި ކުރީގެ ބަންޑާރަނައިބު ޑރ. ހަސަން ސައީދު ވިދާޅުވި ވާހަކަ އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. އޭނާ ވިދާޅުވި އެވެ؛ ދެހާސް ހަތް ވަނަ އަހަރުގެ ގާނޫނު އަސާސީ އަތަށް އެރި ދުވަހު ވަރަށް އުފާވި އެވެ. ކީއްވެގެންތޯ އެވެ؟ އެ ގާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާ މިނިވަން ކަމާއި އިހުތިޔާރުގެ ބޮޑުކަމުންނެވެ. އެއީ ރަނގަޅު ވާހަކަފުޅެކެވެ. ނަމަވެސް މިއަދު ސަރުކާރުން އެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލާއި އެ ވެއްޔާ މޮޑެލައި ގޮދަން ފުށްގަނޑެއްހެން ފަހަރަކު އަތަކަށް މޮޑޭ އިރު އިދިކޮޅު ޕާޓީތަކުގެ ދައުރު އަދާކުރަނީ އެންމެ ރަނގަޅަށްތޯ ވިސްނާލަން ޖެހެ އެވެ.
ހޭލާށެވެ. ތިން ބާރުވަކިކޮށް، ރައްޔިތުންގެ ވެރިކަމަކަށް ގާނޫނު އަސާސީން ޖާގަ ހޯދީ އެ ފުރުސަތު އެއްވެސް ސަރުކާރަކަށް ނުދިނުމަށެވެ. އެއީ ދެވިގެންވާނެ ފުރުސަތެއް ނޫނެވެ. މަޖިލީހުގެ ޗުއްޓީގެ ތެރޭގައި މަޖިލީހަށް ބިލް ހުށަހެޅިއަކަސް ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. އެ ވާނީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. އަދި އަބަދު ލޮލުގައި އަނދުނެއް ވެސް ނޭޅުވޭނެ އެވެ. ބުއްދިވެރިންނަށް އިޝާރާތަކުން ވެސް ފުދޭނެތީ ތަފުސީލު ބޭނުންވާނެ ކަމަކަށް ނުދެކެމެވެ. ނިމުނު ދައުރުގައި ގިނަ ބިލްތަކެއް މަޖިލީހުން ފާސްކުރި އެވެ. ރަނގަޅެވެ. މަރުހަބާ އެވެ. ނަމަވެސް 29 ޖޫންގެ ވަޒީރުންގެ ޗަރުކޭހަށް ފަހު، އެ ބޭފުޅުންނަށް ރުހުން ދެއްވުމުގެ ކަންތައް ފަހަށް ޖައްސާލުމަށް ފަހު، "ބޭނުން ގޮތަކަށް ކުޅުއްވާށޭ" ވިދާޅުވުމަށް ފަހު ޗުއްޓީ އަށް ވަޑައިގަތުމަކީ ޒިންމާދާރު ކަމެއްތޯ އެވެ؟
ރައްޔިތުންގެ އުންމީދުތަކެއްވެ އެވެ. އެއީ ކުރިން ކުރި ދަތުރު އަލުން ނުކުރުމެވެ. އެ ފުރުސަތު ނުދެއްވާށެވެ. އެއް ދުވަހު ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމަށް ފަހު، އަނެއް ދުވަހު ޓީވީ އާއި ރޭޑިއޯގައި ތަޅުއަޅުވާތަން ދެކޭކަށް ގިނަ ބަޔަކު ބޭނުންވާނެ ހެނެއް ހިއެއް ނުވެ އެވެ. އެ ފުރުސަތު ނުދެއްވާށެވެ. އިދިކޮޅު ޕާޓީއެއްގެ ދައުރުއަދާކުރާށެވެ.