04 Nov 2012, 11:40
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2- 1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލްގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑު ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ތިން ވަނަ މިނެޓުގައި ލީޑް ނެގީ ޔުނައިޓެޑުން ނެވެ. އެލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ އާސެނަލްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު، 24 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ޔުނައިޓެޑަށް މިސީޒަންގައި ބަދަލުވި ފޯވަޑް ރޮބިން ވެން ޕާސީ އެވެ. މިއީ އާސެނަލް ދޫކޮށް ވެންޕާސީ އާފަހުން އޭނާ އެކުލަބާ ދެކޮލަށް ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި އާސެނަލްގެ މައްޗަށް ޔުނައިޓެޑުން ލީޑް ނެގި ލަނޑު ދެ ވަނަ ހާފުގެ 67 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރީސް އެވްރާ އެވެ. އަދި ރޭގެ މެޗުގައި ޔުނައިޓެޑް ކޮޅަށް އާސެނަލްއިން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު ސަންޓި ކަޒޯލާ އެވެ.
ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނަ މަގާމުގައި ޔުނައިޓެޑް އޮތީ 24 ޕޮއިންޓާއެކު އެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި އޮތީ 23 ޕޮއިންޓާއެކު މީގެ ކުރިން އެއް ވަނަ މަގާމް ދަމަހައްޓަމުންއާ ޗެލްސީ އެވެ. އަދި ރޭ ޔުނައިޓެޑް އަތުން ބަލިވި އާސެނަލް އޮތީ 15 ޕޮއިންޓާއެކު ހަ ވަނަ މަގާމް ގައެވެ. ލީގުގެ އެއްވަނަ މަގާމުން ޗެލްސީ ކައްސާލީ ރޭ ސްވަންސީ ބައްދަލުކުރި މެޗު1-1 ލަނޑުން އެއްވަރު ވުމުންނެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ އަށް ރެފްރީ ވަނީ ދެ ރީދޫ ކާޑާއެކު، ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗް ފާގަސަން ބުނީ، މޮޅުވެ ލީގުގެ އެއްވަނަ މަގާމް ލިބުމުން އުފާވާ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޔުނައިޓެޑްގެ ކުޅުންތެރިން ކުރި މަސައްކަތް ރޭ ސާބިތުވެއްޖެ ކަމަށެވެ. އަދި ހާއްސަކޮށް ރޭގެ މެޗިގައި ފޯވާޑް ރޮބިން ވެންޕާސީ ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ފާގަސަން ބުންޏެވެ.
މެޗަށް ފަހު ވެންޕާސީ ބުނީ، އެތަކެއް ދުވަސްތަކެއް ވަންދެން ކުޅުނު ކުލަބާ ދެކޮޅަށް ރޭ ގޯލެއް ޖެހުމުން އުފާވި ކަމަށާއި އެގޮތުން ރޭގެ މެޗަކީ އޭނާ އަށް ވަރަށް ހާއްސަ މެޗެއް ކަމަށެވެ.
މީގެ އިތުރުން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮލަށް ވެސްޓް ހޭމް ކުޅުނު މެޗް ނިމުނީ ދެޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ. ނަމަވެސް ސިޓީ އޮތީ ލީގުގެ ތިން ވަނަ މަގާމްގައި 22 ޕޮއިންޓާއެކު އެވެ.
ލީގުގައި ރޭ އެވަޓަން އާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 2- 2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ވިގަން އަތުން 1-0 ލަނޑުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވިއިރު، ސަންޑަލޭންޑް އަތުން އެސްޓަން ވިލާ މޮޅުވީ 1- 0 ލަނޑުން ނެވެ. ސްޓޯކް އަތުން ނޯވިޗް ސިޓީ މޮޅުވީ 1- 0 އިންނެވެ.