ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އޭނާގެ ޝަރީއަތް ވަގުތީގޮތުން ހުއްޓާލުމަށް ހައިކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނަނީ ހައިކޯޓުގައި ނަޝީދު އިސްތިއުނާފު ކުރައްވާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ، އޭނާއަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެއް ކަށަވަރު ނުކުރެވި އެކަމުގެ ސަބަބުން ނަޝީދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެ އަމުރުގައި ބުނަނީ ނަޝީދުގެ ފަރާތުން އެދިފައިވާގޮތަށް ވަގުތީ އަމުރު ނުނެރެ ލަސްވެގެން ހިނގައްޖެ ނަމަ ހައިކޯޓުގައި ނަޝީދު އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމްގެ މަގުސަތު ހާސިލް ނުވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާޒު ނުކުރާ ކަމަށް ވެސް ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވެއެވެ.

ނަޝީދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމަށް ހުޅުމާލޭ ކޯޓުން އޭނާއަށް ޗިޓް ފޮނުވާފައި ވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެފައި އެވެ.

ހުޅުމާލޭ ކޯޓަށް މާލޭގައި ޝަރީއަތުގެ މަޖިލީހެއް ނުބޭއްވޭނެ ކަމަށާއި އެއީ ގާނޫނާއި ޚިލާފަށް ކުރެވޭ ކަމެއް ކަމަށް ވެސް ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާގެ ތެރޭގައި ހިމެނެ އެވެ. އަދި ހުޅުމާލޭ ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ބުނެ ނަގާފައިވާ އިޖުރާއީ ނުކުތާ އާއި ފުލުހުން މެދުވެރިކޮށް ނަޝީދު ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރަކީ ގަވާއިދާއި ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ ވެސް ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ގާނޫނީ ޓީމުން ވަނީ އެ ނުކުތާތަށް ތަފްސީލުކޮށް ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ ދެން ބާއްވާނީ އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ކަމަށެވެ. އަދި އެ އަޑުއެހުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 ގައި ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދު ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ "ދަގަނޑު ތަޅާ ގެއަކަށް ފަހަންދާ" އުސޫލުން ކަމަށެވެ. ނަމަވެސް ނަޝީދަށް ރައްދުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު، އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ "ދަގަނޑު ތަޅާ ގެއަކަށް ފަހަންދެވޭނެ ކަމަށް ކަމާ ބެހޭ ފަރާތަކުން ކަނޑައަޅައިފި ނަމަ" އެ އޮފީހުން އެގޮތަށް އަމަލު ކުރާނެ ކަމަށެވެ.