ތިމާވެއްޓަށް ގެއްލުންދޭ ޒާތުގެ ވިހަ މާއްދާތަކާއި ތަކެތި އެތެރެކުރުން ހުއްޓުވުމަށް ގައުމުތަކުގެ ކަސްޓަމްސްތައް ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން ވޯކް ޝޮޕެއް ފަށައިފި އެވެ.

ޑަބްލިއުސީއޯ ސަބްރީޖަނަލް ވޯކްޝޮޕް އިން ގްރީން ކަސްޓަމްސް އޮފް ސައުތު އެންޑް ވެސްޓް އޭޝިއާ މެންބާސް ގެ ނަމުގައި ޔުނައިޓެޑް ނޭޝަން އެންވައިރޮމެންޓް ޕްރޮގްރާމާއި ވޯލްޑް ކަސްޓަމް އޯގަނައިޒޭޝަން ގުޅިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެވޯކްޝޮޕްގައި ސާކްގެ ހަތް ގައުމުގެ އިތުރުން އީރާންގެ ކަސްޓަމްސްގެ އޮފިޝަލުންވެސް ބައިވެރިވެ އެވެ.

އެބައްދަލުވުން ފައްޓަވައި ދެއްވުމުގެގޮތުން ވާހަކަފުޅު ދައްކަވަމުން އެންވައިރޮމެންޓް މިނިސްޓާ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ގައުމެއް ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން މިހާރުވެސް ތަފާތު މުއާހަދަތަކުގައި ބައިވެރިވެގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ތިމާވެއްޓާ ގާތް ރަހުމަތްތެރި ގައުމެއް ކަސްޓަމްސްގެ އެހީއާ ނުލާ ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒް މިއަދު ވިދާޅުވީ މިއަދުން ފެށިގެން އެ ވޯކްޝޮޕްގައި ތިމާވެއްޓަށް ރަހުމަތްތެރި ގޮތަކަށް ކަންތައްތަށް ބެހެއްޓުމަށް އެކި ގައުމުތަކަށް ކުރެވޭނެ ކަންތައްތަކާއި ކަސްޓަމްސް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރާނެ ކަމަށެވެ.

"ދުނިޔެއިން ނެތިގެންދާ ބައެއް ދިރޭ ތަކެތި އެއްގައުމުން އަނެއް ގައުމަށް އެތެރެކުރަމުންދާއިރު އެފަދަ ކަންތައްތަށް ހުއްޓުވުމުގެގޮތުން ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރެވޭނެ،" ނިޔާޒް ވިދާާާާާާާާާޅުވި އެވެ.

އެވޯކްޝޮޕްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަން އެންވައިރޮމެންޓް ޕްރޮގުރާމްގެ އެކްސް ޕާޓުން ނެވެ.