04 Nov 2012, 10:56
މޫސުން ގޯސް ވުމުގެ ސަބަބުން ފަސްކުރަން ޖެހުނު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ "ގޯލްޑް ނައިޓް" މިމަހުގެ 16 ވަނަ ދުވަހު ބާއްވަން އެކުލަބުން އަލުން ނިންމައިފި އެވެ.
ނިއުގެ ގޯލްޑް ނައިޓް ބާއްވަން ނިންމާފައި ވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބް ކަމުގައިވާ ނިއު އިން ކުރިން "ގޯލްޑް ނައިޓް" ބާއްވަން ނިންމާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ނަމަވެސް ނިއުގެ "ގޯލްޑް ނައިޓް" ފަސް ކުރަން ޖެހުނީ ހުސްވި ދެ ހަފްތާގެ ތެރޭގައި ރާއްޖެ އަށް ކުރަމުން އައި ވިއްސާރާގެ ސަބަބުނާއި ނިމިދިޔަ ބޮޑު އީދު ބަންދާ ދިމާކޮށް އެކުލަބުގެ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފުރައިގެންދިއުމުން ނެވެ. އަދި އަލަށް ގުޅުނު ކުޅުންތެރިންނަށް ވެސް އެ ވިއްސާރާގެ ސަބަބުން މާލެ ނާދެވުންނެވެ.
ނިއުގެގޯލްޑް ނައިޓަކީ ނިމިގެން ދިޔަ ފުޓްބޯލަ ސީޒަނުގައި އެޓީމް ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި އާ އަހަރުގެ ސީޒަނަށް ނިއުއާ ގުޅުނު ކުޅުންތެރިން ދައްކާލުމަށް ބާއްވާ ހަފުލާއެކެވެ.
ނިއުގެ ގޯލްޑް ނައިޓްގައި މި އަހަރު ނިއުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ މޮޅު ގޯލު ހޮވައި އިނާމް ދެވޭނެ އެވެ.
ނިއު ވަނީ މި އަހަރުގެ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ އެފްއޭކަޕް ކުއާޓާ ފައިނަލުގައި އީގަލްސް އަތުން އެކަންޏެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕް ކުޅެން ފުރުސަތު ލިބިފައިވުމުން ނިއުއިން ވަނީ ޓީމު ވަރުގަދަކުރުމަށް މިހާތަނަށް ފަސް ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އެއީ ވިކްޓަރީ އަށް ކުޅުނު ސީޒަނުގެ ޓޮޕް ސްކޯރަރު މުހައްމަދު އުމޭރާއި ރިލްވާން ވަހީދާއި ވީބީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އާއި އޭވައިއެލްގެ މޫސާ ޔާމީނާއި މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުންގެ ގިނަ ނިއުގެ ބްލޫ ނައިޓް ބޭއްވީ ހުސްވި ސީޒަން ފެށުމުގެ ގޮތުން ޓީވީގަ އެވެ. ވައިޓް ނައިޓް ބޭއްވީ އދ. މަހިބަދޫގަ އެވެ.