04 Nov 2012, 10:37
ދިވެހިންގެ މެދުގައި ބަޑިބުރާސްފަތީގެ ނަމުން މަޝްހޫރު، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ތަމަޅަ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ދިވެހިންގެ ބަޔަކު ކުރި ބަޣާވާތަށް 24 އަހަރު ވީ އިރު ވެސް އެކަމުގެ ތެރޭގައި ހިނގައި ދިޔަ ބައެއް މުހިއްމު ކަންތައްތައް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ނަމަވެސް އެބަޣާވާތް ނާކާމިޔާބުވެ، ދިވެހިންނަށް ލިބުނު ނަސްރުގެ އުފާ ފާޅުކުރުމަށް ފާހަގަކުރާ ނަސްރުގެ ދުވަސް މިއަހަރު އައީ އެކަންތައްތައް ހާމަކޮށްދެމުންނެވެ. އެ ހާދިސާގެ ވަރަށް ތަފުސީލީ މައުލޫމާތު ހިމެނޭ ފޮތެއް ސިފައިން ވަނީ ޝާއިއުކޮށްފަ އެވެ.
ބަޑިގުދަނުގެ ތަޅުދަނޑިހޯދަން ބަޔަކު މަސައްކަތް ކުރި ވާހަކަ އޭރުއްސުރެ ވެސް ތުންތުން މަތިން ދެކެވެމުން އައި ވާހަކައެކެވެ. "ތިނެއް ނޮވެމްބަރު"ގެ ނަމުގައި މި އަހަރުގެ ނަސްރުގެ ދުވަހު ސިފައިން ނެރުނު ފޮތުގައި އެހާދިސާ އަށް ވަކި ޗެޕްޓަރެއް ހާއްސަކޮށް، ވަރަށް ތަފުސީލުކޮށް އެވާހަކަ ގެނެސްދީފައިވެ އެވެ.
ފޮތުގައިވާ ގޮތުން ބަޑިގުދަނުގެ ތަޅުދަނޑި އޭރު އޮންނަނީ ސިފައިންގެ ވެރިޔާގެ ނައިބު (އޭރުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް) އިލްޔާސް އިބުރާހީމް އޭރު ދިރިއުޅުއްވަމުން ގެންދެވި މއ. ކިނބިގަސްދޮށޑު ގޭގަ އެވެ. ޒަމާނުއްސުރެ ވެސް ސިފައިންގެ ވެރިޔާގެ އަތްޕުޅުގައި އޮންނަ އެ ތަޅުދަނޑިއާ އިލްޔާސް ހަވާލުވެވަޑައިގެންނެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ރިޔާސަތުގެ ފުރަތަމަ ދައުރުގަ އެވެ. ސިފައިންގެ ވެރިޔާގެ ނައިބުކަން އިލްޔާސަށް ދެއްވައި، ތަޅުދަނޑި އިލްޔާސްގެ އަތްޕުޅަށް ދެއްވި ފަހުން ރާއްޖޭގައި ހުންނެވިއްޔާ އެތަޅުދަނޑި އޮންނަނީ އެމަނިކުފާނުގެ ބެލުމުގެ ދަށުގަ އެވެ. އެގޮތުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުރިމަތިވި އިރު ވެސް ތަޅުދަނޑި އޮތީ އިލްޔާސްގެ ބެލުމުގެ ދަށުގަ އެވެ.
ބާޣީންނާ ދެކޮޅަށް ސިފައިން ދެމުން ދިޔަ ވަރުގަދަ ބަޑީގެ ހަމަލާތަކުގެ ވަކިހިސާބަކުން ހަތިޔާރު ހުސްވެދާނެ ކަމުގެ ބިރު ހީވި އެވެ. ބަޑި ގުދަނުގެ ތަޅުދަނޑި ކޮންމެ ގޮތަކުން ނަމަވެސް ހޯދަން ޖެހުނީ އެހިސާބުންނެވެ. ފޮތުގައި ވާގޮތުން ތަޅުދަނޑި ހޯދަން އިލްޔާސް އަރިހަށް ދިއުމުގެ ބަދަލުގައި ސިފައިން ފުރަތަމަ މަސައްކަތް ކުރީ ލޮކަރުގެ ދޮރު ހަލާކު ކުރުމަށެވެ. އެގޮތުން ކުރި މަސައްކަތުގައި ގްރޭންޑަރެއް ގެނެސްގެން ލޮކަރުގެ ދޮރު ކީހާލަން ވެސް ބައެއް ސިފައިން ލަފާ ދިން ކަމަށް އެފޮތުގައިވެ އެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްފި ނަމަ ބަޑިބޭހުގައި އަލިފާން ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގާފާނެތީ އެކަން ނުކުރުމަށް މޭޖަ މުހައްމަދު ޒާހިރާއި މޭޖަ ޝައުކަތު އިބުރާހީމް ނިންމެވި އެވެ.
މޭޖަ މުހައްމަދު ޒާހިރު (މޭޖަ ޖެނެރަލް ރިޓަޔާޑް މުހައްމަދު ޒާހިރު) ގެ އެންގެވުމަށް ކިނބިގަސްދޮށުގޭގައި އޮތް ތަޅުދަނޑި ހޯއްދެވުމަށް ވަޑައިގެންނެވީ ކޯޕްރަލް އިބްރާހިމް މުހައްމަދު ދީދީ (ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބުރާހިމް މުހައްމަދު ދީދީ) އެވެ. ނަމަވެސް އެމަސައްކަތުގެ ވަކިހިސާބަކުން ކޯޕްރަލް ފަރުހަތު ޝަހީރު (ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޓް ފަރުހަތު ޝަހީރު) އޭނާއާ ގުޅިވަޑައިގެންނެވި އެވެ.
ފޮތުގައި ވާގޮތުން އެދެބޭފުން ވަރަށް ނުރައްކާތެރި އެހާމެ އުނދަގޫ މަސައްކަތެއް ކުރައްވައިގެން ކިނބިގަސްދޮށުގެ އަށް ވެދެވަޑައިގެންނެވި އިރު އިލްޔާސް އެގޭގައި ވަޑައިގެން ނޫޅުއްވަ އެވެ. އިލްޔާސްއަށް އެދުވަހު ކުރިމަތިވެވަޑައިގެންނެވި ކަމެއް ކުރިމަތިވެވަޑައިގެންނެވުމުން އެގެ ދޫކުރައްވައި ވަޑައިގެންނެވި އިރު ގޭގައި އިންނެވި އަނބިކަނބަލުން އާމާލް އަލީ އަށް، ތަޅުދަނޑި އޮތް ތަނެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ. ނަމަވެސް އެފަދަ މުއްހިއްމު ތަކެތި އިލްޔާސް ބަހައްޓަވާ ތަން އާމާލް އަށް އެނގިވަޑައިގެން ހުންނެވި ކަމުން، އަދި އިބްރާހީމް ދީދީ އަށް ތަޅުދަނޑި ވަކިކުރައްވަން އެނގިވަޑައިގަންނަވާ ކަމުން އެވަގުތު ތަޅުދަނޑި ލިބުނީ އެވެ.
"އާމާލް އަލީ ފެނުމާ އެކު ބަޑިގުދަނުގެ ތަޅުދަނޑި ބަލާ އައި ވާހަކަ އިބްރާހީމް ދީދީ ދެންނެވި އެވެ. ބަޑިގުދަނުގެ ތަޅުދަނޑި އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު އެފަދަ މުހިއްމު ތަކެތި އިލްޔާސް އިބުރާހިމް ބަހަށްޓަވާ ތަން އެނގިވަޑައިގަންނަވާ ކަމަށްވިދާޅުވެ، ކޮޓަރިއަށް ވަންނަވާ ތިޖޫރީތެރޭގައި އޮތް ތަޅުދަނޑި ނަގާ ދިއްކޮށްލި އެވެ. އެތަޅުދަނޑި ފެނުމާ އެކު އެއީބަޑިގުދަނުގެ ތަޅުދަނޑިކަން އިބްރާހީމް ދީދީއަށް އެނގިއްޖެ އެވެ." ފޮތުގައިވެ އެވެ.
އެއްފަހަރު ސްކޫލް ކުއްޖެއްގެ ޔުނީފޯމް ތުރުކުރައްވައިގެން އަނެއް ފަހަރު ޓީޝާޓެއް ތުރުކުރައްވައިގެން، ގޭގޭގެ ފާރުތަކުގެ މަތިންނާއި ފުރާޅުތަކުގެ މަތިން ފުންމަވައިގެން ސިފައިންގެއާ ހަމައަށް ގެންދެވި ތަޅުދަނޑި ސިފައިންގެ ތެރެއަށް ފޯރުކޮށްދެއްވީ ފާރުމަތިން އެއްލައިގެންނެވެ. ނަސީބު ރަނގަޅު ކަމުން އެތަޅުދަނޑި ފަތި އުނދަގޫ ތަނަކަށް ނުވެއްޓި ސިފައިންނަށް ލިބުނުކަން ފޮތުން އެނގެ އެވެ. ދުޝްމަނުންނާ ދެކޮޅަށް ބަޑިނަގައި ހަމަލާތައް ވަރުގަދަ ކުރަން ފެއްޓުނީ ބަޑިގުދަން ހުޅުވުމުންނެވެ. ބަނޑޭރިގެއިން ބޭރުގައި އޮތް ބަޑި ގުދަނުގެ ތަޅުދަނޑި ގެނެވެންދެން ސިފައިން ދުޝްމަނުންނަށް ހަމަލާ ދެމުންދިޔައީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބެގެންނެވެ.
ބަޑިގދަނުގެ ތަޅުދަނޑި ސިފައިންގެއާ ހަމައަށް ގެންދިއުމުގެ ނުރައްކަލުން ފުރިގެންވާ މަސައްކަތް އިބުރާހީމް ދީދީއާއި ފަރުހަތު ކުރައްވަމުން ގެންދެވި އިރު ސިފައިންގެ ވެރިޔާގެ ނައިބު އޮންނެވީ ދިރިއުޅުއްވާ ގެކޮޅުން ފިއްލަވައިގެން ވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ޒަހަމްވެ ވަޑައިގެން މއ. ޝާދީވިލާގޭގައެވެ.
އަނބިކަނބަލުން ވެސް ބަހައްޓަވާފައި ކިނބިގަސްދޮށުގެ ދޫކުރައްވައި އިލްޔާސް ފިއްލެވީ ބާޣީންގެ ބަޔަކު ހަތިޔާރާ އެކު އެގެއަށް ވަދެ، އެމަނިކުފާނު ހޯދަން މަސައްކަތް ކުރުމުންކަމާއި އެމީހުން ވަދެ އިލްޔާސްއާ ބެހޭ ގޮތުން ސުވާލު ކުރީ ސީދާ އެމަނިކުފާނާ ކަން ފޮތޮން އެނގެ އެވެ. ޒަހަމްވެވަޑައިގެންވާ ހާލު ޝާދީވިލާގައި އިލްޔާސް ވަޑައިގެން އޮންނެވިކަން އެނގުމުން އެގެއިން އެހެން ގެއަކަށް (ގައްދަޑު ގެއަށް) ބަދަލުކޮށް، އިލިޔާސްގެ ސެކިއުރިޓީ ވެސް ސިފައިން ބެލެހެއްޓި އެވެ.