ވޮޝިންގްޓަން (ނޮވެމްބަރ 4): އެމެރިކާގެ ރިޔާސީ އިންތިޚާބު ފެށުމުގެ ވަގުތު ކުޑަވެގެންދާ އިރު މިއިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ބަރަކް އޮބާމާއާއި ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީ އެންމެ ފަހުގެ ކޭންޕޭން ބައްދަލުވުންތައް ކުރިޔަށް ގެންދަވަން ފައްޓަވައިފި އެވެ.

ދެބޭފުޅުން ވެސް ބައްދަލުވުންތައް ކުރިޔަށް ގެންދަވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލުގެނައުމުގެ ފުރްސަތު ބޮޑު ސްޓޭޓްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ސްޓޭޓްތަކުގަ އެވެ. މީގެތެރޭގައި އޮހާޔޯ، އިޔެވާ، ވިސްކިންސަން، ކޮލޮރާޑޯ، ނެވާޑާ، ފްލޮރިޑާ، އަދި ނޯތްކެރޮލައިނާ ފަދަ އާބާދީ ބޮޑެތި ސްޓޭޓްތައް ހިމެނެ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ކަމަށްވީ ނަމަވެސް ކުރިން ވޯޓުލުމަށް ހަމަޖެހިފައިވާ ސްޓޭޓްތަކުގައި ވޯޓުލުން އިއްޔެ ވަނީ ނިމިފަ އެވެ. މިއީ ކުދި ސްޓޭޓްތަކެވެ. މިސްޓޭޓްތަކުގައާއި ވެރިރަށް ވޮޝިންޓަން ހިމެނޭ ޑިސްޓްރިކްޓް އޮފް ކޮލަންބިޔާ ސަރަޙައްދުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ 25 މިލިޔަން މީހުން ވޯޓުލުމުގެ ހުރިހާ ކަމެއް އިއްޔެގެ ނިޔަލަށް ވަނީ ނިމިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލުގެނައުމުގެ ފުރުސަތު ބޮޑު ސްޓޭޓެއް ކަމަށް ބެލެވިފައިވާ ފްލޮރިޑާގައި މީގެ އެއް ދުވަސްކުރިން ނެގި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެފައިވާ ގޮތުން އޮބާމާ އުޅުއްވަނީ ރޮމްނީ އަށް ވުރެ ތަންކޮޅެއް ކުރީގަ އެވެ. އެމެރިކާގެ އިލެކްޓޯރަލް ކޮލެޖުން ދޭގޮތަށް އޮންނަ 538 ވޯޓުގެ ތެރެއިން 270 ވޯޓު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮންމެހެން ބޭނުންވެ އެވެ. މި 270 ވޯޓުގެ ތެރެއިން 29 ވޯޓް (11 އިންސައްތަ) އަކީ ފްލޮރިޑާގެ ވޯޓެވެ. އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ނިސްބަތްވަނީ އެެ ސްޓޭޓެއްގެ އަޣުލަބިއްޔަތުގެ ހޯދާ މީހެއްގެ މައްޗަށެވެ.

މި 29 އިލެކްޓޯރަލް ވޯޓު ލިބޭނީ ފްލޮރިޑާގެ އިންތިޚާބުގައި އެންމެ ގިނަވޯޓު ހޯއްދަވާ ކެންޑިޑޭޓަކަށެވެ. މީގެއިތުރުން އޮހާޔޯ، އިޔެވާ، ވިސްކިންސަން، ކޮލޮރާޑޯ، ނެވާޑާ، ފްލޮރިޑާ، އަދި ނޯތްކެރޮލައިނާ އަކީ ވެސް އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގައި ހިމެނޭ ސްޓޭޓްތަކެވެ. އެހެންކަމުން މިސްޓޭޓްތަކުން އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަކަށް އިލެކްޓޯރަލް ވޯޓު ގިނައިން ލިބުމުގެ ފުރްތަސު އޮތުމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އެކެންޑިޑޭޓަށް ފަސޭހަވެގެންދާނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވާ އިރު ސޭންޑީ ތޫފާންގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކުގައި ރައްޔިތުންގެ އެތައް މިލިޔަން ބަޔަކު ވަނީ ޙާލުގައި ޖެހިފަ އެވެ. މިކަމުގެ ސަބަބުން ނިޔުޔޯކާއި ނިއުޖާސީގެ ބައެއް ސަރަޙައްދުތަކުގައި އަންނަ އަންގާރަ ދުވަހު އިންތިޚާބު ބޭއްވޭނެކަމާ މެދު ވެސްވަނީ ސުވާލު އުފެދިފަ އެވެ. (ބީ.ބީ.ސީ)