ސަރުކާރަކުން ވިޔަފާރި ކުރުމަކީ ތަހުޒީބު އިގްތިސޯދުތަކުގެ އުސޫލެއް ނޫނެވެ. ނަމަވެސް ޒަމާނުއްސުރެ ދިވެހިންގެ އިގްތިސޯދު ބައްޓަންކޮށްފައިވާ މޮޑެލްއަކީ އަސާސީ ބައެއް ހިދުމަތްތަކާއި ތަކެތި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މުޅި ބާޒާރު އެކީ އެކަށް އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ބާޒާރު އޭގެ ޒާތުގައި ބަދަލުވުމަށް ދޫނުކުރުމެވެ. އެއީ ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ނަމަވެސް އެ މަގުސަދު ހާސިލްވަނީ ކިހާވަރަކަށް ބާ އެވެ؟

ސަރުކާރު ހިއްސާވާ 40 އަށް ވުރެ ގިނަ ކުންފުނި އޮތް އިރު އެ ކުންފުނިތަކަށް ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވޭ އިރު މާލޭގެ އެތައް ވިޔަފާރި ބިމެއް އަގު ހެޔޮކޮށް ވަނީ އެ ކުންފުނިތަކަށް ދޫކޮށްފަ އެވެ. ނަމަވެސް އެފަދަ ކުންފުނިތަކުން މައިގަނޑު ގޮތެއްގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު އެއްވަރެއްގައި ނުހިފެހެއްޓެވެ. އިންފްލޭޝަންގެ އޮޔެވަރާ އެކު އެތަކެތީގެ އަގު ވެސް ހުންނަނީ މައްޗަށް ޖެހިފަ އެވެ. މިސާލަކަށް ބަލާ ނަމަ އެސްޓީއޯގެ ތެލުގެ ވިޔަފާރި ޑޮމިނޭޓް ކުރާއިރު ތެލުގެ އަގުތަކައް އެކަށޭނަ ބަދަލެއް ނާދެ އެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން ތެލުގެ ޑިއުޓީ ސުން ޕަސެންޓްގައި ހުއްޓަސް ތެލުގެ އަގު މިއަހަރު ވެސް ތިން ފަހަރެއްގެ މަތިން ބޮޑުވެއްޖެ އެވެ.

ކުންފުނިތަކުގެ މާލީ ހާލަތު އަދި ފެންނަނީ ވަރަށް ދެރަވަރު ކޮށެވެ. މިއަހަރުގެ ތިން ވަނަ ކުއާޓާގެ ހިސާބުތަކަށް ބަލާއިރު ވެސް ސަރުކާރާއި ރައްޔިތުން ހިއްސާވާ ގިނަ ކުންފުނިތައް ހިނގަނީ ގެއްލުމުގަ އެވެ. ނޫނީ އަނެއްބައި ކުންފުނިތަކުގެ ފައިދާ ވަރަށް ބޮޑަށް ދަށަށްދެ އެވެ. އެމްޓީޑީސީ ފަދަ ފައިދާވާން ޖެހޭ އެތައް ކުންފުންޏަކުން ކުރިމަތިލާން ޖެހެނީ މިލިއަން ޑޮލަރުގެ ގެއްލުމާ އެވެ. މައްސަލައަކީ ކޮބައިބާ އެވެ؟

ކުންފިނިތަކުން ފައިދާ ނުވެ ގެއްލުންވެ ސަރުކާރުގެ ބަޖެޓަށް އިތުރު ބުރައަކަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ވާއިރު އެ ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތައް ދެ ދާއިރާއަކަށް ބަހާލެވިދާނެ އެވެ. އެއީ ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ ބަލި އިންތިހާއަށް ފެތުރިފައި އޮތުމެވެ. އަނެއް މައްސަލައަކީ ސަރުކާރުގެ ކުންފުނިތަކުން މިސްމެނޭޖް ކުރެވުމެވެ. ކޯޕަރޭޓް ގަވާނެންސްގެ ރީތި އުސޫލާ ހިލާފަށް އެތައް ކުންފުންޏެއް ހިންގެމުން ދަނީ ފަރުވާލެއްނެތި އެވެ.

މި ދެ މައްސަލަތަކުގެ ކުރި ފަޅައިގެން އަންނަ ކަންތައްތަކާ ހުރެ ކުންފުނިތައް ތިބީ ހިރިނުލެވިފަ އެވެ. ސަރުކާރުގެ ބޯޑުތަކުގެ ކޮރަޕްޝަންގެ މައްސަލަތައް މިވީ ތިން މަސްދުވަހުގެ ތެރޭގައި ގިނަ އެވެ. މައި އެތައް ކުންފުންޏެއްގެ ބޯޑުން އެތައް މެންބަރުން ވަކިކުރަން ޖެހުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް އެ ބޭފުޅުންގެ ހިންގެވި ކޮރަޕްޝަންތައް ފަޅާއެރުމުންނެވެ. އެގޮތުން މައި މަސްކުންފުނި ފެލިވަރާއި، މިފްކޯގެ ތެރެއިން ވެސް ފެންމަތިވީ އެ ކަންތައްތަކެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކުންފުނިތައް ހިނގަނީ ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަމަށާއި ބޯޑުތަކަށް އައްޔަންކުރާ ބޭފުޅުންގެ ގާބިލްކަމާ މެދު ވަރަށް ބޮޑު ސުވާލުއުފެދިފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގެ ބޯޑުތަކުގައި ތިއްބަވާ ބޭފުޅުން މަސްލަހަތު ފުށުއަރާ ވިޔަފާރިތައް ކުރައްވަމުން އަންނަ އިރު ކުންފުނިތަކުގެ ތެރެއިން އެބޭފުޅުންގެ އަމިއްލަ ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"މިދިޔަ ފަސް އަހަރު ވެސް އެކަން އޮތީ އެހެން. ދެހާސް ނުވަ ވަނަ އަހަރު ކޯޓުން ކުރި ހުކުމަކާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުން މާލިއްޔަތު ގާނޫނަށް އަމަލުކުރުން ލާޒިމް ނުކުރޭ. އެހާ ހިސާބުން ވަރަށް ބޮޑަށް ފުރުސަތު ހުޅުވުނީ ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ނިންމުންތަކަށް ކުންފުނި ހިންގަން. އެ ދުވަހުން ފެށިގެން މަސައްކަތްކުރީ ދައުލަތުގެ ކުންފުނިތަކުގެ ޒިންމާދާރު ފަރާތަކީ ފިނޭންސް މިނިސްޓްރީ ކަމަށް ވާތީ މިނިސްޓްރީ މެދުވެރިކޮށް ގައިޑްލައިންތަކެއް ނެރެގެން ނަމަވެސް އެކަން ކުރަން،" މުއައްވަޒު ވިދާޅުވެފައިވެ އެވެ.

ކުންފުނިތަކުގެ ހާލަތު ހުރީ އެގޮތަށެވެ. ކުންފުނިތަކަށް ގެއްލުމާ ކުރިމަތިވާ ވާހަކަ ދައްކާއިރު ކުންފުނިތަކުގައި ހުރި ޒަމާންވީ ބަލިތަކަށް ފަރުވާ ނުހޯދި ދަނީ ދިގުލައިގެންނެވެ. މިދިޔަ ދެ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭގޮތުން އޭސީސީއަށް ވެސް ޝަކުވާ ހުރީ ފުނިޖެހިފަ އެވެ. މުއައްވިޒު ވިދާޅުވާ ގޮތުން މުވައްޒަފުން މަގުބޫލު އުޒުރެއް ނެތި ވަކިކުރުމާއި އިއުލާން ކުރުމެއްނެތި ވަކި ސިޔާސީ ފަރާތްތަކަކަށް ކުންފުނިތަކުން މަގާމުތައް ދިނުމުގެ ޝަކުވާ ބޮޑުކަމަށެވެ.

ކުންފުނިތައް މިސްމެނޭޖް ކުރެވުމުގެ މައްސަލަވެސް ނިކުންނަނީ ކޮރަޕްޝަންގެ ތެރެއިންނެވެ. ކުންފުނީގެ މަސްލަހަތުތަކަށް ވުރެ އަމިއްލަ މަސްލަހަތުތަކެއް އިސްކުރެވުމުން ބަގްރޫޓްވުމާ ގާތްވެފައިވާ ސަރުކާރު ހިއްސާވި ކުންފުނިތައް ގިނަ އެވެ. އޭގެ މިސާލެއްގެ ގޮތުން އެމްޓީޑިސީ އެވެ. އެ ކުންފުނި ވުޖޫދަށްއައިރު ހިއްސާދާރުން ތިބެނީ ހެވިފަ އެވެ. ނަމަވެސް މި ފާއިތުވި އަހަރު ތަކުގެ ތެރޭގައި އެ ކުންފުންޏަށް ކުރިމަތިލާން ޖެހެނީ މިލިއަން ޑޮލަރުން ގެއްލުމާ އެވެ. ހާހުން ހިއްސާދާރުން ތިއްބަސް ޖަލްސާއަކަށް އަންނާނެ ހިއްސާދާރަކު ވެސް ނުވެ އެވެ.

"މިއީ އެތައް ދުވަހެއްގެ މިސްމެނޭޖްމަންޓް. މިތަނުގެ ބޯޑްތައް އައްޔަން ކުރެވިގެން އައިއިރު ވެސް އެބަތިބި މަސްލަހަތު ފުށުއަރާ އެތައް ބަޔަކު އައްޔަންކުރެވިފައި. އެގޮތަށް މިކަން ދަނީ. މިކަހަލަ ކުޅިވަރުތަކެއް ކުޅެފައި ހުރީ،" ނަންނު ޖަހާ ގޮތަށް އެމްޓީޑީސީގެ ބޯޑުގައި ހިމެނޭ މެންބަރަކު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވާނެންސް ނޫނީ ހެޔޮގޮތުގައި ކުންފުނިތައް ހިންގުމުގެ އުސޫލަށް ފައްތަން ޖެހެ އެވެ. އެކަން ސީއެމްޑީއޭ ވެސް ގަބޫލުކުރެ އެވެ. ސީއެމްޑީއޭ އިން ބުނަނީ ބައިނަލް އަގްވާމީ ފެންވަރެއްގައި އެހެން ކުންފުނިތަކާ ވާދަކުރުމަށް ސީއެމްޑީއޭގެ އުސޫލުތަކަށް ސަރުކާރުގެ ކުންފުނިތައް ފައްތަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށް ވެސް އޮތީ މަސައްކަތް ނުކުރެވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ސަރުކާރުގެ ބޮޑު ބޮލުގައި ރިހުމަކަށްވާ އިރު އެ ރިހުމަށް އަވަހަށް ފަރުވާއެއް ހޯދަން ޖެހެ އެވެ.