11 Mar 2010, 10:13
14:30
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަ އަކީ އިންތިޚާބުތަކާ ގުޅިފައިވާ މައްސަލައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ، މިހާރު ޖަރުމަނުވިލާތުގައި ހިނގަމުންދާ އައި.ޓީ.ބީ. ބަރލިން ފެއަރއަށް ކުރެއްވި ޒިޔާރަތުގައި، އެޤައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުތަކުން މަސައްކަތް ކުރަންވާނީ ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ގޮތަކަށް ކަމަށާއި، އެހެންކަމުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ޙައްލުކުރުމަށް ޢާންމު ރައްޔިތުން އެ ސަރުކާރަކަށް ގޮވާލަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިއީ، އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭނެ ވަރަށް ރަނގަޅު މެސެޖެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަންވީ ކޮން ސަބަބުތަކަކާ ހުރެތޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެއިން ދެވޭ މެހްމާންދާރީ އާއި ޚިދުމަތްތަކަކީ، އެންމެ ފެންވަރު ރަނގަޅު މެހްމާންދާރީ އާއި ޚިދްމަތްތައް ކަމަށް ވާތީ ކަމަށެވެ. އަދި ރާއްޖެއަކީ ޤުދްރަތީ ގޮތުން ވަރަށް ޚާއްޞަ ކަންތައްތަކެއް އެކުލެވިފައިވާ ޤައުމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
މި ޕްރެސް ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަން ޙުސައިން ޢަފީފް ވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.