03 Nov 2012, 23:27
ރާއްޖޭގެ ހުރިހާ ނޫސްތަކާއި، މަޖައްލާ ތަކާއި، ޓީވީ އަދި ރޭޑިއޯ ސްޓޭޝަން ތަކުގެ ފަލަ ސުރުހީގައި ޖީ.އެމް.އާރް މައްސަލަ ދެމިއޮތުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. މިހެން މިކަން ވާންޖެހޭ ސަބަބު ވަރަށް ސާފެވެ. އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީ.އެމް.އާރް ކުންފުންޏަށް ދިނުމުގެ މްއަސަލައާ ގުޅުންހުރި ބޮޑެތި ބައިވަރު ސުވާލު އެބަހުއްޓެވެ.
ފުރަތަމަ ސުވާލު:
އިދިކޮޅު އެމްޑީޕީ ގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން މިހާރު އެމަޖިލީހުގައި އެޖެންޑަ ކުރެވިފައިވާ ރައީސް ޑރ. ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައީސް ވަހީދާ ދެކޮޅަށް ވޯޓު ހޯދުމަށްޓަކައި ޖީ.އެމް.އާރުން މިލިޔަން ޑޮލަރުން ރިޝްވަތު ޖަހަމުންދާކަމަށް ސަރުކާރުން ޝައްކު ކުރުމަކީ ފުރަތަމަ ސުވާލު އުފެދޭ ކަމެވެ. ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މީޑިޔާއާ ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ މިފަދަ މައުލޫމާތެއް ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި ބޭރުގެ އަމިއްލަ ކުންފުންޏަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވަން އުޅުމަކީ ބިރުވެރި އަދި ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި އައްބާސް ވިދާޅުވިއެވެ.
ކުރިއަށް އޮތް 50 ދުވަހުގެ ތެރޭ މިހާރުގެ ސަރުކާރުގެ ތެރެއަށް ރާޅުބާނިތަކެއް ގެނުވާނެކަމަށް ތޮއްޑޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރު އަލީ ވަހީދު ވިދާޅުވާ ވިދާޅުވުމުގެ ފަހަތުގައި ވަނީ ޖީ.އެމް.އާރް ގެ ޑޮލަރުތައް ކަމަށްވެސް ފަހަރުގައި ވެދާނެއެވެ!
ދެވަނަ ސުވާލު:
އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރ ޑރ. އަފްރާޝީމް އަލީ، އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ މައްސަލައާ ޖީ.އެމް.އާރާ ގުޅުންހުރި ކަމަށް ރަށުތެރޭގަ އާއި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ ދެކެވުމަކީ ވެސް ސުވާލު އުފެދޭ ކަމެކެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި ދުވަސްވަރަކީ މިގައުމުން ޖީ.އެމް.އާރް ބޭރުކޮށްލުމުގެ ނިޔަތުގައި ގުޅިގައިވާ ހަތް ޕާޓީއަކުން މަސައްކަތް ފެއްޓުމުގެ ސަބަބުން މުޅި ޤައުމުގެ ފޯކަސް ޖީ.އެމް.އާރް އާއި ދިމާއަށް ހުއްޓިފައި ހުރި ދުވަސްވަރެކެވެ. އަފްރާޝީމް ގެ މަރާގުޅިގެން ޖީ.އެމް.އާރް އާ ދެކޮޅަށް އުފުލަމުން އައި އަޑު ދުވަސްކޮޅަކަށް މަޑުވެގެން ދިޔައެވެ.
ތިންވަނަ ސުވާލު:
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ޖީ.އެމް.އާރް ގެ ދިފާއުގައި މަސައްކަތް ކުރާތަން ފެނުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، މުލޭ ވަނީ މަޖިލިހުގެ ޒުވާން ބައެއް މެންބަރުންނާ މިދިޔަ މަހު ބައްދަލުކުރައްވައި ޖީ.އެމް.އާރް މައްސަލަ ފިނިކުރުމަށް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ޖީ.އެމް.އާރުން ވަނީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގަށް ސިޓީއެއް ފޮނުވާފައެވެ. މައްސަލައިގެ ހަގީގަތް އޮޅޭ ފަދަ ދޮގު މައުލޫމާތު މިސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ވެއެވެ. ހަމަ އެއާއި އެކު އިންޑިއާ ސަރުކާރުގެ ފެޑެރަލް ހޯމް މިނިސްޓަރ މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލަކުރައްވައި ވިދާޅުވެފައިވަނީ ތިމަން މަނިކުފާނު ކަންބޮޑުފުޅުވެ ވަޑައިގަންނަވަނީ ދިވެހި ރާއްޖެއިން ޖީ.އެމް.އާރް ބޭރުކޮށްލައިފިނަމަ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައުން ހުއްޓިދާނެތީ ކަމަށެވެ. ނަމަވެސް މިއީ ދައްކާނެ އެހެން ވާހަކައެއް ނެތިގެން އިންޑިއާގެ އޮފިޝަލުން ދައްކާ ބަހަނާއެއްކަން ވަރަށް ސާފެވެ.
މުޅި އިންޑިއާ ސަރުކާރު މިކަމުގައި ޖީ.އެމް.އާރާ އެއްކޮޅަށް ނެތަސް ހަމަގައިމުވެސް އިންޑިއާ ސަރުކާރުގެ ވަރަށް ބާރުގަދަ ފަރާތްތަކެއް މިމައްސަލާގައި ޖީ.އެމް.އާރު ހިމާޔަތް ކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް އެބަ ކުރައްވައެވެ.
ހަތަރުވަނަ ސުވާލު:
ކުރިއަށް މިއޮތް ދޮޅު އަހަރުދުވަހުގެ ތެރޭ ރާއްޖޭގައި ވަރަށް މުހިއްމު ތިން އިންތިހާބެއް އޮންނާނެއެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާއެއް އިންތިހާބުކުރުމަށްޓަކައި 2013 ގެ ފަހުކޮޅު ބާއްވާ ރިއާސީ އިންތިހާބާއި، ކައުންސިލަރުން އަލުން ހޮވުމަށް ބާއްވާ ކައުންސިލް އިންތިހާބާއި، މަޖިލިހުގެ ދައުރު ހަމަވުމުން މީގެ އަށާރަވަރަކަށް މަސް ފަހުން ބާއްވާ އާއްމު އިންތިހާބެވެ. މިތިން އިންތިހާބަށްފަހު ރާއްޖެއަށް އައު ރައީސަކާއި، އައު ކައުންސިލަރުންނާއި، އައު މަޖިލިސް މެންބަރުންތަކެއް ލިބިގެން ދާނެއެވެ.
މަތީގައި ބަޔާން ކުރެވިފައިވާ ސުވާލުތަކަށް ބަލާއިރު މިދެންނެވި ތިން އިންތިހާބަށް ނުފޫޒު ފޯރުވަން ޖީ.އެމް.އާރުން މަސައްކަތް ކުރުމަކީ ހައިރާންވާން ޖެހޭނެ ކަމެއް ނޫނެވެ.
ދިވެހި ގައުމުގެ ގައުމިއްޔަތާއި، ދިވެހިންގެ އެއްބައެއްވަންތަކަމާއި، ދިވެހިންގެ އިސްލާމީ ވަހުދަތަށް އިހުތިރާމު ނުކުރާ ބައެއްގެ އަތްމައްޗަށް މިދެންނެވި ތިން އިންތިހާބުގެ ކާމިޔާބީ ހިނގައްޖެނަމަ އެންމެ ފަސް އަހަރުތެރޭ މިގައުމުގެ ދީނާއި މިނިވަންކަން ވިއްސިވިހާލިވެގެން ހިނަގއިދާނެކަން ޔަގީނެވެ. މިދެންނެވި ތިން އިންތިހާބުގައި ވޯޓުލާއިރު ކޮންމެ ދިވެހި ފަރުދަކުވެސް ވިސްނަންވީ ތިމަންނާ ޖީބަށް ވަންނަ ދިހަހާސް ރުފިޔާ ނުވަތަ ދިހަ މިލިއަން ރުފިޔާ އަށް ވުރެން ބޮޑަށް ދިވެހި ގައުމުގެ ދީނާއި މިނިވަންކަމަށް އިސްކަންދިނުމަށެވެ. ވަގުތީ އުފަލަކަށްޓަކައި އަމިއްލަ ގައުމުގެ މުސްތަގުބަލު އަލިފާނުން އަންދާ ނުލުމަށެވެ.
ފަސްވަނަ ސުވާލު:
ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖީ.އެމް.އާރ އަކީ އޮޅު ދޫންޏެއް ކަމަށެވެ. ނަމަވެސް އެއީ އޮޅު ނީލަގެރި އެތެކެވެ. މަތީގައި މިދެންނެވި ތިން އިންތިހާބު ބޭއްވުމާ ހަމައަށް މިރާއްޖޭގައި ޖީ.އެމް.އާރް ދެމި އޮވެއްޖެނަމަ އެއަށްފަހު އެއަރޕޯޓުން އެމީހުން ބޭރުކުރުން ވެގެންދާނީ މުސްތަޚިއްލު ކަމަކަށެވެ. ޖީ.އެމް.އާރް ގެ ކިބައިން އެއަރޕޯޓު ސަލާމަތް ކުރާނަމަ އޭގެ ކުރިން އެކަން ކުރަން ޖެހެއެވެ. އެއީ އެގްރިމެންޓް އިސްލާހުކޮށްގެން ވެސް ބައިތިއްބާވަރަށް ވުރެ ނުރައްކާ ބައެކެވެ. މައްސަލަ ދިރާސާ ކުރާ ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ޖީ.އެމް.އާރް އަކީ މިވަގުތު ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް އެންމެބޮޑު ބިރެވެ. އެހިސާބުން ވެސް މިކަމުގެ ހުރި ބިރުވެރިކަމާއި ނާމާންކަން ވިސްނޭބަޔަކަށް ވިސްނެން ވެއްޖެއެވެ.