ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިނުމަށް ފަހު، ކުރާނެކަމެއް އަދި ރާވާފައިނުވާ ކަމުގައި އެކުލަބުގެ ކާމިޔާބީ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދުމަށް މެޑްރިޑަށް އެހީތެރިވުމާ އެކު، މޮރީނިއޯ އަށް ވަނީ ބޮޑު ޝަރަފެއް ލިބިފަ އެވެ. މޮރީނިއޯއަކީ ތާރީހުގައި މިހާތަނަށް އިޓަލީ، ސްޕެއިން އަދި އިނގިރޭސި ކްލަބަކަށް އެގަމުތަކުގެ ލީގު ކާމިޔާބުކޮށްދިން ހަމައެކަނި ކޯޗެވެ.

"އަހަރެންގެ ކޯޗުކޮށްދޭން ފެށި ހިސާބުން ފެށިގެން އަހަރެންގެ ކެރިޔަރުގައި އެކި ގައުމުތަކަށް ދަތުރުކުރަން ޖެހޭނެކަން އެނގުނު. އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހި އެކި ގައުމުތަކަށް ދަތުރުކުރަންޖެހޭނެކަން އޭރު އެނގުނު. އަހަރެން ދަތުރުކުރަން ފެށިތަނާ އަހަރެންގެ މަންޒިލަކަށްވީ އިނގިރޭސިވިލާތް، އިޓަލީ އަދި ސްޕެއިން. އަހަރެންނަށް ލިބުނު ކާމިޔާބީތަކަށް ފަހުރުވެރިވަން." މޮރީނިއޯ ބުންޏެވެ.

ކޯޗަކަށްވުމުން މޮރީނިއޯގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނުކަމުގައި އޭނާ ބުނެފައިވެ އެވެ.

"އެހެން މީހުންނަށް އަހަރެންގެ ދަރިއަކީ ކާކުކަން ނޭނގި ކޮލެޖަކަށް ނުދެވޭ. އަހަރެންގެ އަންހެނުން ވިޔާފާރިކަން ފިހާރަތަކަށް ވަންނަ އިރު، އަހަރެންނަށް ޖެހެނީ ކާރުގައި މަޑުކުރަން." މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ވަނީ ޗެލްސީ އާއި އިންޓަމިލާން އަދި ރެއާލް މެޑްރިޑަށް އެގައުމުތަކުގެ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެގޮތުން މޮރީނިއޯ ވަނީ ޗެލްސީ އަށް ދެ އަހަރު އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްދީ އެއްއަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. އިންޓަމިލާނަށް އޭނާ ވަނީ ދެ އަހަރު އިޓަލީ ލީގު ކާމިޔާބުކޮށްދީ ޔޫއެފާ ޗެމްޕިއަންސް ލީގު ތައްޓެއް ވެސް ކާމިޔާބުކޮށްދީފަ އެވެ. އަދި ރެއާލް މެޑްރިޑަށްވަނީ ސްޕެއިން ލީގު ހޯދައިދިނުމުގެ އިތުރުން ކޮޕަ ޑެލް ރޭގެ ތައްޓެއް ވެސް ހޯދައިދީފަ އެވެ. ޕޯޓޯ އިން ކޯޗުކުރަން ފެށި މޮރީނިއޯ އެކުލަބަށް ވެސް ގިނަގުނަ ކާމިޔާބީތަކެއް ހޯދައިދީފައިވެ އެވެ. އެގޮތުން ޕޯޓޯއަށް ޕޯޗުގަލް ލީގު ދެއަހަރު ކާމިޔާބުކޮށްދީ، ޔޫއެފާ ކަޕާއި ޗެމްޕިއަންސް ލީގު ތައްޓެއް ވެސް ހޯދައިދީފައިވެ އެވެ.