ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ދައްކަމުންދާ މޮޅުކުޅުމާ އެކު، އެންމެ މޮޅު ކުޅުންތެރިޔާއަކީ ކޮބައިކަން ނޭނގޭ ކަމުގައި ޕޯޗުގަލް ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ ބުނެފި އެވެ.

މިއަހަރުގެ ފީފާ ބެލަންޑިއޯގެ 23 ކުޅުންތެރިންގެ ލިސްޓުން ރޮނާލްޑޯއާއި މެސީ އުނިނުކުރެވޭނެ ކަމަށާއި އެއެވޯޑް ކާމިޔާބުކުރާނީ އެދެކުޅުންތެރިން ކަމުގައި ފީގޯ ބުނެފައިވެ އެވެ. ނަމަވެސް އުނދަގޫ ކަމަކަށް ވާނީ އެދެކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ ހޮވުން ކަމުގައި ވެސް ފީގޯ ބުނެފައިވެ އެވެ.

"މިވަގުތު މެސީ އާއި ރޮނާލްޑޯގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކީ ކޮން ކުޅުންތެރިއެއް ކަމަށް ނުބުނެވޭނެ. މި ފެންވަރުގައި ދެކުޅުންތެރިންގެ މެދުގައި މޮޅު ކުޅުންތެރިއަކީ ކާކުކަން ކަނޑައެޅުން ވެގެންދާނީ ގޯސްކަމަކަށް. ކޮންމެ ގޮތެއް ވިއަސް އެއް ކުޅުންތެރިއަކު އެވޯޑް ހޯދާ މޮޅުވާ އިރު، އަނެއް ކުޅުންތެރިއަކު ބަލިވާންޖެހޭ. ނަމަވެސް އެވޯޑް ދޭންޖެހޭނީ ދެކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަށް." ފީގޯ ބުންޏެވެ.

އެންމެ މޮޅު ޓީމް ހޮވާއިރު މެސީއާއި ރޮނާލްޑޯ އެ ޓީމެއްގައި ހިމެނޭނެ ކަމުގައި ފީގޯ ބުނެފައިވެ އެވެ.

"އެންމެ މޮޅު ޓީމް ހޮވާއިރު، މެސީއާއި ރޮނާލްޑޯ ހިމެނެންޖެހޭނެ. އެދެކުޅުންތެރިންގެ ތެރެއިން އެކަކު ވެސް ބާކީވެގެން ނުވާނެ. އެއީ މެސީ އާއި ރޮނާލްޑޯގެ ކިބާގައި ފެންވަރާއި ގޯލް ޖެހުމުގެ ހުނަރުވެރިކަން ހުރީމަ. ދެކުޅުންތެރިންގެ ތެރޭގައި ހުރި ތަފާތުތައް ބަލައި އެންމެ މޮޅު ކުޅުންތެރިޔާއަކީ ކޮބައިކަން ބެލުމަށް އުނދަގޫވަނީ ދެކުޅުންތެރިންނަކީ ވެސް ތަފާތު ކުޅުމެއް ދައްކާ ދެކުޅުންތެރިންނަށް ވާތީ." ފީގޯ ބުންޏެވެ.

ފީގޯ އަކީ 2001 ވަނަ އަހަރު ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަން ހޯދި ކުޅުންތެރިޔާ އެވެ. އެއެވޯޑް ރޮނާލްޑޯ އަށް ވެސް އެއް އަހަރު ލިބުނު އިރު، ފާއިތުވެދިޔަ ތިން އަހަރު އެވޯޑް ކާމިޔާބުކުރީ މެސީ އެވެ.