ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

ބްރެޒިލްގެ ސަންތޯސް އަށް ކުޅެމުންދާ ޒުވާން ފޯވާޑް ނޭމާ ގަބޫލުކުރާ ގޮތުގައި މެސީގެ އިތުރުން ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސާގެ ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާއަކީ ވެސް މޮޅު ކުޅުންތެރިންނެވެ.

"އެހެން ހުރިހާ ކުޅުންތެރިންތަކަށް ވުރެ ތިން ކުޅުންތެރިއަކު މޮޅު ކަމަށް އަހަރެން ގަބޫލުކުރަން. އެއީ ރޮނާލްޑީއާއި އިނިއެސްޓާ އަދި މެސީ. ނަމަވެސް އެތިން ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަކީ މެސީ. މެސީ ކުރާ ކަންތައްތަކެއް އެހެން އެއްވެސް ކުޅުންތެރިއަކަށް ނުކުރެވޭ. މެސީއާ އެކު އެއް ޓީމަކަށް ކުޅުމަކީ އަހަރެންގެ ހުވަފެނެއް. އޭނާއާ އެކު ފަރިތަކުރުމެއްގައި ބައިވެރިވެވުނަސް، އެއީ އަހަރެންނަށް ލިބޭނެ ބޮޑު އުފަލެއް." ނޭމާ ބުންޏެވެ.

ދާދި ފަހުން މެސީ ވަނީ ނޭމާ އަށް ވެސް ތަޢުރީފްގެ ބަސްތަކެއް ރައްދުކޮށްފަ އެވެ. މެސީގެ ވާހަކާގައި ބުނެފައި ވަނީ ސަންތޯސް އަށް ނޭމާ ދައްކަމުންދާ ކުޅުމަކީ މޮޅު ކުޅުމެއް ކަމަށެވެ.