03 Nov 2012, 21:42
މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެތަންތަން ރަނގަޅު ކުރުމަށް މަޖިލީހުގެ ތެރެއިން ވެސް މިހާތަނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އަދި ވެސް އެކަންކަން އިސްލާހު ނުކުރެވި އެތަންތަނުގައި މީހުން ދިރިއުޅެމުން ގެންދަނީ ވަރަށް ދަތި ހާލުގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް ވިދާޅުވީ އެ އިމަރާތްތަކުގެ މެއިންޓެނެންސް މަސައްކަތްތަކާއި ސެކިއުރިޓީގެ ބެލެހެއްޓުމުގެ ކަންކަން އިސް އިސްލާހު ކޮށްދިނުމަށް ގޮވާލައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި އަދި އެ ގަރާރު ފާސްވެފައި އޮތް ނަމަވެސް މިހާތަނަށް ވެސް އެއްވެސް އަމަލީ ސިފައެއް އައިސްފާ ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ އިރު އަމިއްލަ ފަރާތަކަށް 500،000 ރުފިޔާ އަށް އެތަންތަނުގެ މެއިންޓެނެންސް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ބަޔަކާ ހަވާލު ކުރި ނަމަވެސް މިހާތަނަށް ވެސް މެއިންޓެނެންސްގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"އަޅުގަނޑު ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިހަށް ވެސް އެކަންކަން އިސްލާހު ކުރުމަށް އެދި ގަރާރެއް ވެސް ހުށަހެޅިން. އެ ގަރާރު ވަނީ ފާސް ވެސް ކޮށްފައި. އެކަމަކު މިއަދާ ހަމައަށް ވެސް އެއްވެސް އަމަލީ ސިފައެއް ނާދެ. މާލޭ ސިޓީ ކައުންސިލުން މިތަން ބަލަހައްޓަނީ. އެމީހުން ކޮންމެ ވެސް އަމިއްލަ ފަރާތަކާ މިތަންތަނުގެ މެއިންޓެނެންސް މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އެކަމަކު މިއަދާ ހަމައަށް ވެސް އެއްވެސް ކަމެއް ނުކުރެވި މިއޮތީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިނަމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވާރޭ ފެން ވެސް ނުލިބޭތާ މިއަދާ ހަމައަށް އެއް އަހަރު ވެއްޖެ ކަމަށާއި ލޮނު ފެނާއި ވާރޭފެން ނަގަން ހުރި މޯޓަރުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އޭނާ ވިދާޅުވީ އެހާލުގައި ދިރިއުޅެމުން ގެންދާ އިރު ވެސް ކޮންމެ މަހަކު ވެސް މަރާމާތައް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.
އެ މައްސަލަައާ ބެހޭ ގޮތުން މަލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު ސަން އޮންލައިނަށް ވިދާޅުވީ އެތަންތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ ސިޓީ ކައުންސިލުން ހަދާފައިވާ ކޮންޓްރެކްޓްގައި އެންޓި ކޮރަޕްޝަންގެ މައްސަލަ އުޅޭ ކަމަށް ބުނެ ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) އަށް ހުށަހަޅާފައި އޮތް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މަސައްކަތް ނުކުރެވި ވަނީ ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރުން ލަސްވެފައިވާތީ ކަމަށެވެ.