03 Nov 2012, 21:25
ތ. އަތޮޅު ތިމަރަފުއްޓަށް މިރޭ ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއް ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ތިމަރަފުށީ ކައުންސިލް މެންބަރު އިބްރާހިމް ހަލީލް ވިދާޅުވީ މިރޭ 7:50ގައި އެރި ނަގޫރޯޅީގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ތިން ތަނަކަށް ގެއްލުންތަކެއްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ނަގޫރޯޅި އެރީ އެ ރަށު ހުޅަނގު ދެކުނު ސަރަހައްދުގެ އަތިރިމަތީގެ ކަންމައްޗަށް ކަމަށާއި އެ ހާދިސާގައި އެ ހިސާބުގައި ހުރި ގޯއްޗެއްގައި ހުރި ތަނެއްގެ ހުރިހާ ޓިނުތައް އުކާލާފައިވާ ކަމަށެވެ. އަދި އެ ގޯތީގައި ހުރި ޕްލާސްޓިކް ގޮނޑިތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
"މިރޭ 7:50 ހައިރު ނަގޫރޯޅި އެރީ. ނަގޫރޯޅި އަރައިގެން މިރަށު ހުޅަނގު ދެކުނު ސަރަހައްދުގެ އަތިރިމަތީގެ ކަންމައްޗަށް ރޯޅި ފުރަތަމަ ޖެހިފައި އިނީ. އެގޭގައި ވަކިން ހަދާފައި ހުރި ތަނެއްގެ ހުރިހާ ޓިނުތައް އެއްލާލައި އެގޯތީގައި ހުރި ހުރިހާ ގޮނޑިތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވަނީ. އަދި އެގޭގެ ގޭޓް ވެސް ނަގާ އެއްލާލާފައި ވަނީ،" ޚަލީލް ވިދާޅުވި އެވެ.
އެއަށް ފަހު ދެން ނަގޫރޯޅި ޖެހުނީ އެ ރަށު ބޯޅަ ދަނޑުގެ ކަންމައްޗަށް ކަމަށާއި އެ ހާދިސާގައި އެތާގައި ހަރުކޮށްފައި ހުރި 15 ވަރަކަށް ފޫޓު އުސް، 300 ފޫޓުގެ ފެންސެއް ވެއްޓި ހަލާކުވެފައިވާ އިރު އެއީ ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާގެ ގެއްލުމެއް ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޯޅަދަނޑު ކައިރީ ހުރި މަސްކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުންދާ ގެއެއްގެ ފާރުއެއްކޮށް ވެއްޓިފައިވާ ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ އެގޭގެ މީހުން މިރޭ މަސްކައްކަން ތިއްބައި ކަމަށެވެ.
"ދެން ޖެހިގެން ދެކުނަށް ހުރި މަސްކައްކައި ހިއްކުމުގެ މަސައްކަތް ކުރަމުންދާ ގޭގެ ފާރު، އެއީ ގާތްގަނޑަކަށް 40 ވަރަށް ފޫޓު ދިގުމިނުގެ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓް އުސްމިނުގެ ސިމެންތި ޖަހާފައި ހުރި ފާރެއް ބުޑުން ފެށިގެން ވެއްޓުނީ. މިރޭ ވެސް އެމީހުން މަސައްކަތުގައި އެތާގައި ތިއްބާ މި ހާދިސާ ހިނގީ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިދިޔަ ހަފްތާގެ ތޭރޭގައި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ލ. އަތޮޅުގެ ރަށަކަށް ވެސް ނަގޫ ރޯޅި އަރައި ބައެއް ގެތަކަށް ވަނީ ގެއްލުންތަކެއްވެފަ އެވެ. ނަމަވެސް އެ ހާދިސާތަކުގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.