03 Nov 2012, 19:18
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި އެވެ.
ސަންއަށް ކަށަވަރުވެފައިވާގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ހއ. ދިއްދޫ އޯޓަމްވާދީ، އަލީ ހާޝިމް (ސްމިތް) އާއި ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަސަން ހުމާމްގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްދީފައި ވަނީ ކުރިން އެމީހުންނަށް ޖަހައިދިން މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރަން ފުލުހުން އިއްޔެ އެ ދެ މީހުން ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ.
އެ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން މަރިޔަމް ނާއިފާ ވަނީ ކުރިން ދޫކޮށްލާފައެވެ.
ސްމިތާއި ހުމާމްގެ ބަންދުގެ މުއްދަތު އިތުރު ކުރި މައުލޫމާތު ލިބުނު ނަމަވެސް ދެން ތިބި މީހުންގެ މައުލޫމާތެއް ލިބޭގޮތެއް ނުވެ އެވެ.
ފުލުހުން ބުނީ ތަހުގީގު ކުރިއަށް ދާތީ ހައްޔަރުކޮށްފައިވާ މީހުންގެ މައުލޫމާތު ހާމަކޮށްފިނަމަ ތަހުގީގަށް ވަރަށް ބޮޑު ހުރަސްތަކަކާއި ކުރިމަތިވާނެ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން އެންމެ ފަހުން ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދީފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
އެ ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެފައި ވަނީ ތަހުގީގު ނިމުން އެ ހާދިސާއާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ފުލުހުން ބޭނުންވަނީ އަވަސް އަރުވާލައިގެން ތަހުގީގު ނިންމުމަށް ނޫން ކަމަށާއި ފުލުހުންގެ އަމާޒަކީ ފުރިހަމަ ތަހުގީގެއްކޮށް އެކަމުގައި ޝާމިލުވާ ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.
ނޫސް ކޮންފަރެންސްގައި ރިޔާޒު ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހާއި ހަމަޔަށް ހެއްކާއި ގަރީނާގެ ގޮތުގައި 200 އައިޓަމް ހޯދާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސީސީޓީވީ ފުޓޭޖާއި ކިތާބީ ހެއްކާއި ފޯންކޯލް ރެކޯޑިން އާއި ފޮރެންސިކް ސާމްޕަލްތައް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ އޭގެތެރެއިން ބައެއް ހެކިތަށް އިތުރަށް ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާފައިވާކަމަށެވެ.
އަފްރާޝީމް އަވަހަރަކޮށްލި މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.