އަންނަ އަހަރު ވެސް ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާނުކުރެވޭތީ މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ބޮޑުކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ނިމެން ދޮޅު މަސް ދުވަހަށް ވެފައިވާ އިރު ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިނިސްޓްރީތަކުން މިހާރު ފޮނުވާފައިވާ ކަމަށާއި ބަޖެޓްގެ ޓެކްނިކަލް އިވެލުއޭޝަން ނިމި ސިޔާސީ ފަރާތްތަކާ އެކު ބަޖެޓާ މެދު މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު ވެސް ދައުލަތުގެ އާމްދަނީ އަށް ކުރިއެރުމެއް އަތުވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ބޭރުގެ އެހީ އާއި ލޯނު ފައިސާ ލިބޭނެ ކަމަށް ލަފާކުރާ އަދަދަށް ބަލާ އިރު މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ކުޑަކުރަން ޖެހޭ ކަމަށެވެ.

އަދި އެކަމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނެތް މި އަހަރަށް ވުރެ ބޮޑު ބަޖެޓެއް ހުށަހެޅޭކަށް. އެއަށް ވުރެ ވެސް ދަށްވޭތޯ އަޅުގަނޑު މަސައްކަތް ކި މިކުރަނީ. ނަމަވެސް އެއީ ސިޔާސީ ފަރާތްތަކުގެ އަތް މަތީގައި އޮތް ކަމެއް. ނަމަވެސް ބަޖެޓް މިހާރަށް ވުރެ ބޮޑުކުރެވޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓް އެކުލަވާލުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ނިންމައި މި މަހުގެ ފަހުކޮޅު މަޖިލީހަށް ބަޖެޓް ފޮނުއްވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

އަދި އެކަމަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށާއި ސިޔާސީ ފަރާތްތަކާ މަޝްވަރާކޮށްގެން މި އަހަރަށް ވުރެ ވެސް އަންނަ އަހަރުގެ ހަރަދުތައް ކުޑަކުރުމަށް މަޝްވަރާތައް ކުރިއަށްދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޝްވަރާތައް ނިމުނީމާ އިނގޭނީ ބަޖެޓްގެ ޖުމްލަ އާއި މުޅި ބަޖެޓްގެ ތަފްސީލްތައް. މިހާރު ފައިނަލް ކުރުމުގެ ޕްރޮސެސްގެ މަޝްވަރާތައް ކުރިއަށްދަނީ. މި މަހުގެ ފަހުކޮޅު މަޖިލީހަށް ބަޖެޓް ފޮނުވޭވަރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.