"ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް" ދެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވައިފި އެވެ. އެ ދެބޭފުޅުންނަކީ މާފަންނު ރުއްކަރަ މުޙަންމަދު ޢުމަރު މަނިކާއި މައްޗަންގޮޅީ ޗަންޕާވިލާ ޙުސައިން ޢަފީފެވެ.
ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް ދެއްވައި އެކަމުގެ ލިޔުން، އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ މާނަ ކުރިން ވަރަށް ބޮޑަށް ކުރެވިފައި އޮތީ އެއީ ސަރުކާރު ކަމަށާއި އެހެން ނަމަވެސް، މިހާރުގެ ޤާނޫނު އަސާސީގައި ދައުލަތަކީ ކޮބައިކަން ވަރަށް ސާފު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންކަމުން، އެކި ރޮނގު ރޮނގުން ޚިދްމަތް ކޮށްދެއްވާ ބޭފުޅުންނަށް ޤާނޫނު އަސާސީ ލާޒިމްކުރާ ޤަދަރާއި ޢިއްޒަތް އެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މުޙަންމަދު ޢުމަރު މަނިކާއި، ޙުސައިން ޢަފީފަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ދެބޭފުޅުންކަން މުޅި ރާއްޖެ ހެކިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމައެޔާއެކު، ރާއްޖޭގެ ޓޫރިޒަމްގެ ޞިނާޢަތު ފަށައިގަނެވުނު ހިސާބުން ފެށިގެން، އެޞިނާޢަތު ތަރައްޤީ ކުރައްވައި، އެމަސައްކަތުގެ ފައިދާ، އެހެންވެސް ޞިނާޢަތްތަކަށް ހެޔޮގޮތުގައި މިއަދު ފެނިފައި މިވަނީ އެބޭފުޅުންގެ މަސައްކަތްޕުޅުން ކަމަށާއި، މިސަބަބުތަކަށްޓަކައި އެދެބޭފުޅުންނަށް މި ލަޤަބް އެރުއްވުމަށް ނިންމެވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިދެބޭފުޅުންގެ ތެރެއިން މުޙަންމަދު ޢުމަރު މަނިކު، ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ، 1972 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި އުފެއްދެވި މިއުމަން ޓޫރިސްޓް އޭޖެންސީއަކީ މުޙަންމަދު ޢުމަރު މަނިކުވެސް ބައިވެރިވެވަޑައިގެން، 1972 ވަނަ އަހަރު އުފެއްދެވި އޭޖެންސީއެކެވެ. މާލެއަތޮޅު ވިހަމަނާފުށީގައި ހުޅުވުނު 30 ކޮޓަރީގެ ޓޫރިސްޓް ރިޒޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޓޫރިސްޓް ރިޒޯޓެވެ. މިރިޒޯޓް ޢިމާރާތް ކުރެވުނީ، މުޙަންމަދު ޢުމަރު މަނިކުގެ ޚިޔާލުފުޅާއި ލަފާފުޅުގެ މަތިންނެވެ. މިރިޒޯޓަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު 5 ތަރީގެ ރިޒޯޓްވެސްމެ އެވެ. މިރިޒޯޓް ހިންގަނީ މުޙަންމަދު ޢުމަރު މަނިކުގެ ޗެއަރމަންކަމުގެ ދަށުން ހިންގަވާ ޔުނިވަރސަލް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރައްވައި، އެދާއިރާގެ އަމާޒާއި މިޞްރާބު ރަނގަޅު ކުރައްވައި، ކުރިމަގުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުއްވުމުގެ މަޤްޞަދުގައި މުޙަންމަދު ޢުމަރު މަނިކު އިސްނަންގަވައިގެން، 1992 ވަނަ އަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވިއެވެ.
މުޙަންމަދު ޢުމަރު މަނިކަށް ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޝަރަފްވެރިކަމުގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތީ، 1982 ވަނަ އަހަރު އެވެ. ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަތީ، 2002 ވަނަ އަހަރުއެވެ. މީގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް މުޙަންމަދު ޢުމަރު މަނިކަށްވަނީ ލިބިވަޑައިގެންފަ އެވެ.
ޗަންޕާ ޙުސައިން ޢަފީފަކީވެސް ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގެ މަސައްކަތުގައި ވަރަށް މުހިންމު ޙިއްޞާއެއް ވެދެއްވާފައިވާ ބޭފުޅެކެވެ. 1972 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިންގެ ގްރޫޕް ރާއްޖެއަށް ގެންނެވުމުގައި މުހިންމު ދައުރެއް ޢަފީފް އަދާކުރައްވާފައިވެއެވެ. އެމީހުން ރާއްޖޭގައި ތިބިއިރު، އެމީހުންގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ޢަފީފެވެ.
ޗަންޕާ ޙުސައިން ޢަފީފަކީ، ރާއްޖޭގައި ފުރަތަމަ ހުޅުވުނު ކުރުނބާ ވިލެޖް ޓޫރިސްޓް ރިޒޯޓް ހެދުމުގެ މަސައްކަތުގައި އުޅުއްވާފައިވާ އަދި އެރިޒޯޓްގެ ފުރަތަމަ ޒެނެރަލް މެނޭޖަރުވެސްމެއެވެ. ސަފާރީ އުޅަނދުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައިވެސް ޢަފީފްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗޭން [ހިލްޓަން ރިޒޯޓްސް] ރާއްޖެއަށް ތަޢާރުފު ކޮށްދެއްވައި، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ.
ޗަންޕާ ޙުސައިން ޢަފީފަކީ ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދެއްވައި، ޔޫރަޕުން ސީދާ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޗަންޕާ ޙުސައިން ޢަފީފަށް ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތީ، 1989 ވަނަ އަހަރުއެވެ. ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވަނީ، 2004 ވަނަ އަހަރުއެވެ. އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ޙުސައިން ޢަފީފަށްވަނީ ލިބިވަޑައިގެންފަ އެވެ.