03 Nov 2012, 14:54
ތިނެއް ނޮވެމްބަރު 1988ގައި ރާއްޖެ އަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާ ފަދަ ހަމަލާއެއް މި ދިވެހި ގައުމުގައި ތަކުރާރުވިޔަ ނުދިނުމަށް ރައްޔިތުން މަސައްކަތް ކޮށްދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަސްރުގެ ދުވަހުގެ ޒިކުރާ އާ ކުރަމުންދާ އިރު އެ ދުވަހުގެ ހާދިސާ އިން މިއަދު އިބްރަތް ހާސިލްކޮށް އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމު މިނިވަންކަމާ އެކު ގެންގޮސްދިނުމަށް ގޮވާލާ ކަމަށާއި އެފަދަ ނުރައްކާތަކުން މި ގައުމު ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިންގެ މަދު ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން ވެރިރަށް މާލެ އަރައި ދިވެހިންގެ 19 މީހުން ޝަހީދުކޮށްލި ހިތި ހަނދާންތައް ދިވެހިންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށާއި އެ ދުވަހު މާތްﷲ މި ގައުމަށް ނަސްރު ދެއްވީ ދިވެހިން ކުރި ވަރުގަދަ ޖިހާދުގެ ސަބަބުން ކަމަށެވެ. އަދި އެ ދުވަހު ރާއްޖެ އަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށް ޓަކައި އެ ގައުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހިންގެ މަދު ބާޣީންގެ ބަޔަކު ރާއްޖޭގެ ވެރިރަށް މާލެ އަރައި ދިވެހިންގެ 19 މީހުން ޝަހީދުކޮށްލި ކޮށްލުން އަޅުގަނޑުމެންގެ ހިތުން ދުވަހަކު ވެސް ނުފިލާނެ. މި ފުރުސަތުގައި އެކުވެރި އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދިން އެހީތެރިކަމަށް ޝުކުރު ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލެން މެދުވެރިވި ކޮންމެ ފަހަރަކު ވެސް އެކަން މެދުވެރިވެފައި ވަނީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވެރިކަމުގެ ދަހިވެތި ކަމުގައި ބޭރު ބަޔަކާ ގުޅިގެން ހިންގާފައިވާ ގާނޫނާ ޚިލާފު ހަރަކާތްތަކެއްގެ ތެރެއިން ކަމަށާއި އެގޮތުން ތިނެއް ނޮވެމްބަރު 1988 ވީ ބުރާސްފަތި ވިލޭ ރެޔަކީ ވެސް އެފަދަ ކަމެއްގެ ތެރެއިން ދިވެހިން ނިދީން ހޭ ލައްވާލި ރެއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި އެ ބަޔާނުގައި ދިވެހި ރާއްޖޭގެ 24 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ނަންފުޅުގަ އާއި ޕާޓީގެ އެންމެހައި މެމްބަރުންގެ ނަމުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަށާއި ސިފައިންނާއި ފުލުހުންގެ އިތުރުން ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައިވެ އެވެ.