ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީސް ހަރަދުތައް ފޯރުކޮށް ދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުގައި ބުނާ ގޮތުން ރައީސްކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްކުރަން ބޭނުންވެއްޖެ ހާލަތެއްގައި އޮފީސް ހިންގުމުގެ ހަރަދު ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ޚަރަދުތަކަށް ކޮންމެ މަހަކު 175،000ރ. ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ފުރަތަމަ ފަހަރަށް ވެސް އެ ފައިސާ ދެއްވާފައި ވަނީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިތާ ހަތަރު މަސް ފަހުން ކަމަށާއި އެ އިރު ވެސް ފައިސާ ލިބުނީ ފިނޭންސް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިގެން ކަމަށެވެ.

"މި އޮފީސް ހިންގުމުގެ ހަރަދުތަކާއި އަދި ރައީސް ނަޝީދަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތްތައް އެންމެ ފުރަތަމަ ވެސް ދައުލަތުން ދެއްވާފައި ވަނީ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާދެއްވިތާ ހަތަރު މަސް ފާއިތުވީ ފަހުން، ... 30 އެޕްރީލް 2012ގައި." އެ ސިޓީގައިވެ އެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނަނީ އެ އޮފީހުގެ ޚަރަދުތައް އޮގަސްޓް މަހުގެ ތެރޭގައި މެދުކަނޑާލުމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެ މިނިސްޓްރީގެ ތަފާތު އެކި ފަންތީގެ މުވައްޒަފުންނާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ އޮފީހުގެ ޚަރަދުތައް މެދުކަނޑާލި ސަބަބުތައް މީޑިއާއާ ހިއްސާކޮށްފައިވީ ނަމަވެސް އެ އޮފީހުގެ ޚަރަދުތައް މެދުކަނޑާލި ސަބަބެއް ރަސްމީކޮށް އެ އޮފީހަށް އަންގާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ އޮފީހުން ކުރާ މަސައްކަތްތަކުގެ ތަފްސީލު ބޭނުންވެވަޑައިގަންނަވާތީ އެކަމަށް އެދި ސިޓީއެއް ފޮނުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް މިއަދާ ހަމަޔަށް ވެސް އެ ސިޓީ ލިބިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނާ ގޮތުން ނަޝީދުގެ އޮފީހުން ކުރާ އިޖުތިމާއީ މަސައްކަތަކީ ޑިމޮކްރަސީ ކުރިއަރުވައި ތަރައްގީކުރުމެވެ.

އެކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.